މިސްރުގެ ފޯވަޑް މުހައްމަދު ސަލާހު ޖަހައިދިން ދެ ލަނޑުން ވެޓްފޯޑް ބަލިކޮށް ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގް ތާވަލުގެ އެންމެ ކުރީގައި އެޓީމު ދަމަހައްޓަމުން އަންނަ ލީޑު 11 ޕޮއިންޓަށް ބޮޑު ކޮށްފި އެވެ.

ލިވަޕޫލުން އެއްވަނައިގައި ލީޑު ފުޅާކުރީ މިރޭ އަމިއްލަ ދަނޑުގައި ތާވަލުގެ ފުލުގައި އޮތް ވެޓްފޯޑްގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ. މި މޮޅާއެކު ލިވަޕޫލުން ވަނީ 17 މެޗުން 49 ޕޮއިންޓް ހަމަކޮށްފަ އެވެ. ލިވަޕޫލްގެ ލީޑް 11 ޕޮއިންޓަށް ބޮޑުވި ނަމަވެސް ފަރަގު ކުޑަ ކޮށްލުމުގެ ފުރުސަތު ދެވަނައިގައި އޮތް ލެސްޓާ ސިޓީއަށް އެބައޮތެވެ. އެއީ މިރޭ ނޯވިޗް ސިޓީ އާއި ދެކޮޅަަށް އެޓީމު ކުޅެން އޮތް މެޗު ކާމިޔާބުކޮށް ގެންނެވެ. މިރޭގެ މެޗުން ބަލިވި ވެޓްފޯޑް ފުލުގައި އޮތީ 9 ޕޮއިންޓް ލިބިގެންނެވެ.

އެންފީލްޑުގައި މިރޭ ލިވަޕޫލާއި ވެޓްފޯޑް ބައްދަލުކުރި މެޗަށް ޔާގެން ކްލޮޕް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ކުރީ މެޗުގައި ބެންޗުގައި އިން ސާދިއޯ މާނޭ އެނބުރި އައި އިރު އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށް ދިޔަ ޑެޖަން ލޮވްރެންގެ ބަދަލުގައި މިރޭ ކުޅުނީ ޖޯ ގޯމޭޒެވެ. އާންމުކޮށް ލެފްޓް ފުލް ބެކަށް ކުޅޭ އެންޑީ ރޮބަޓްސަން މިރޭގެ މެޗު ބެންޗުން ފެށި އިރު ޓީމުގެ މެދުތެރެ ބެލެހެއްޓީ ޖޯޑަން ހެންޑަސަންގެ އިތުރުން ޖޯޖިއޯ ވަޔަނާލްޑަމް އެވެ.

ލިވަޕޫލުން ވެޓްފޯޑުގެ މައްޗަށް އުނދަގޫ މޮޅެއް ހޯދި އިރު ސަލާހުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށެވެ. މާނޭ ދިން ބޯޅައެއްގައި ވެޓްފޯޑުގެ ޑިފެންޑަރު ކިކޯ ފެމިނިއާ ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ސަލާހު ލަނޑު ޖެހި އިރު މި ހަމަލާ އަކީ ފުރަތަމަ ހާފުގައި އިދިކޮޅު ގޯލާއި އަމާޒުކޮށް ލިވަޕޫލުން ފޮނުވާލި ފުރަތަމަ ހަމަލާ އެވެ.

ސަލާހު ލިވަޕޫލަށް ލީޑު ހޯދައިދިނުމުގެ ކުރިން އެޓީމުގެ ގޯލު ފޫއަޅުވާލަން ވެޓްފޯޑަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ޑޯކޯރޭ އާއި އިސްމާއިލާ ސާރު އަށް އެހާ ރަނގަޅަށް ބޯޅަ ފޮނުވާލެވޭ ގޮތެއްނުވި އެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ވެޓްފޯޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު އެޓީމުން ފޮނުވާލި ހަމަލާތަކުން ލިވަޕޫލް ސަލާމަތްކޮށްދިނީ އެލިސަން ބެކާ އެވެ. އެލިސަން ވަނީ މިހާފުގައި ޑޯކޯރޭގެ އިތުރުން ޖެރާޑް ޑިއުލެފޫ ފޮނުވާލި ހަމަލާތަކެއް މަތަކޮށްފަ އެވެ. ލިވަޕޫލުން ދެވަނަ ހާފުގައި އުފެއްދި ފުރަތަމަ ނުރައްކާތެރި ހަަމަލާގައި މާނޭ ވެޓްފޯޑުގެ ގޯލު ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގަ އެވެ.

ދެވަނަ ހާފުގައި ވެސް ލިވަޕޫލް ޓީމްގެ ފަރާތުން މާއެދެވޭ ކުޅުމެއް ފެނިގެންނުދިޔަ ނަމަވެސް އިތުރު ވަގުތުގައި ޑިވޮކް އޮރީގީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސަލާހު ޖެހި ދެވަނަ ލަނޑާއެކު އެޓީމުން ވަނީ މުހިއްމު ތިން ޕޮއިންޓާއެކު މެޗު ނިންމާލައިފަ އެވެ.

ލިވަޕޫލަށް ދެން ކުރިއަށް އޮތީ ކްލަބް ވޯލްޑް ކަޕް މެޗުތަކެވެ. ގަތަރުގައި އޮންނަ މި މުބާރާތުގައި ވާދަކުރުމަށް ލިވަޕޫލްގެ ސީނިއާ ސްކޮޑު އެގައުމަށް ދާ އިރު އިނގިރޭސި ލީގް ކަޕުގައި އެސްޓަން ވިލާ އާއި ދެކޮޅަށް ނުކުންނާނީ ލިވަޕޫލްގެ ޖޫނިއާ ސްކޮޑެވެ.