ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެއާޑް އާއި އެއްވަރުވެ ތާވަލުގެ އެންމެ ކުރީގައި ހަމަޖެހިލަން ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގައިލައިފި އެވެ.

ރޭ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް ކުޅުނު މެޗުން ބާސާ އެއްވަރުވީ 2-2 އިންނެވެ. މި މެޗުން އެއްވަރުވުމުން ބާސާ ވަނީ 17 މެޗުން ލިބުނު 35 ޕޮއިންޓާއެކު ދެވަނައިގައި އޮތް ރެއާލަށްވުރެ ޕޮއިންޓެއްގެ ފަރަގުން ކުރިއަށް ޖެހިލައިފަ އެވެ. ނަމަވެސް މިރޭ ވެލެންސިއާ ބަލިކޮށް ބާސާ ފަހަތަށް ޖައްސާލައި ތާވަލުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ރެއާލަށް އޮންނާނެ އެވެ. މިވަގުތު 34 ޕޮއިންޓާއެކު ރެއާލަށް ދެވަނަ ލިބޭ އިރު ތިންވަނައިގައި އޮތީ 31 ޕޮއިންޓާއެކު ސެވިއްޔާ އެވެ.

ރޭ ބާސާ އާއި ސޮސިއެޑާޑް ވާދަކުރި މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ސޮސިއެޑާޑުންނެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ޕެނަލްޓީއަކުން މިކެލް އޮޔާރްޒަބަލް އެވެ. މި ޕެނަލްޓީ އަކީ ބާސާ އޭރިއާ ތެރެއިން ސޮސިއެޑާޑުގެ ޑިއޭގޯ ލޮރެންޓޭ އަށް ސާޖިއޯ ބުސްކެޓް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ބާސާ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށެވެ. ލުއިސް ސުއަރޭޒް ދިން ބޯޅައެއްގައި މި ލަނޑު އެޓީމަށް ޖަހައިދިނީ އެންޓޮއިން ގްރީޒްމަން އެވެ. 1-1 އިން ދެޓީމު އެއްވަރުވެގެން މި ހާފު ނިމުނު އިރު ބާސާ އިން ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ސޮސިއެޑާޑުގެ ގޯލު ފޫއަޅުވާލައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މެސީ ޖައްސާލި ބޯޅައެއްގައި ސުއަރޭޒެވެ.

ސުއަރޭޒްގެ ލަނޑުން ބާސާ އަށް ކުރިި ލިބުނު އިރު އޭގެ އިރުކޮޅެއް ފަހުން ލީޑު ފުޅާކުރަން އެންޓޮއިން ގްރީޒްމަން އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ކީޕަރު އެލެކްސް ރެމީރޯ ވަނީ މަތަކޮށްފަ އެވެ. މީގެ އިތުރުން ބާސާ އިން އުފެއްދި އިތުރު ނުރައްކާތެރި ހަމަލާއެއްގައި ސާޖި ރޮބާޓޯ ނަގައިދިން ހުރަހެއްގައި ޖެރާޑް ޕީކޭ ބޮލުން ފޮނުވާލި ބޯޅަ ގޯލު ތެރެއަށް ވަނުމުގެ ކުރިން ސޮސިއެޑާޑުގެ ކުޅުންތެރިއަކު ވަނީ ބޯޅަ ބޭރުކޮށްފަ އެވެ.

ސޮސިއެޑާޑުން އެއްވަރުކުރީ 62 ވަނަ މިނެޓުގަ އެވެ. އެޓީމުން އުފެއްދި ކައުންޓާ ހަމަލާއެއްގައި ނަޗޯ މޮންރެއާލް އޭރިއާ ތެރެއަށް ނަގައިދިން ހުރަސް ކީޕަރު ޓާ ސްޓެޖަން އަތުގައި ޖެހިފަ ބޭރަށް ނިކުތުމުން އެލެގްޒާންޑާ އައިސަކް ވަނީ މުޅިން ހުސްކޮށް ހުރެ ގޯލު ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަހުން ނަތީޖާ ބަދަލުކުރަން މާ އެދެވޭ ފުރުސަތުތަކެއް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލިބިފައިނުވެ އެވެ.