ދިރާގު ދިވެހި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗަކަށް މުހައްމަދު ޝާޒްލީ (ޝާޒް) ހަމަޖައްސައިފި އެވެ.

ކުރިން ފުރަތަމަ ޑިވިޝަނުގައި ވިކްޓްރީ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބަށް ވެސް ކޯޗުކަން ކޮށްދިން ޝާޒް ޓީސީ އާއި ހަވާލުގެ ކްލަބާއެކު އެއްބަަސްވުމުގައި ސޮއިކުރީ ރޭ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޓީސީ އާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޝާޒް ބުނީ އޭނާގެ އަމާޒު ހުރީ އޭއެފްސީ ކަޕަށް ކަމަށާއި އެ މުބާރާތުގައި ރަނގަޅު ވާދައެއް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

“ އަހަރެމެންގެ ޓާގެޓަކީ އޭއެފްސީ ކަޕް. ރަނގަޅު ވާދައެއް ކުރެވޭނެ. އެ ފެންވަރު ހުރި އަދި ތަޖުރިބާގެ ގޮތުން ބެލިޔަސް ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ޓީސީގައި އެބަ ތިބި. މި ޓީމާއެކު އޭއެފްސީ ކަޕުގައި ރަނގަޅު ކުޅުމެއް ދައްކައި ލީގުގައި ވެސް ރަނގަޅު ނަތީޖާއެއް ނެރުން އަހަރެމެންގެ އަމާޒަކީ، “ ޝާޒް ބުންޏެވެ.

ޝާޒް އަކީ ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކުރި ފުރަތަމަ ދިވެހި ކޯޗެވެ. އޭއެފްސީ ޕްރޯ ލައިސަންސް އަކީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ. މިއީ އޭ ލައިސަންސް އަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސެވެ.

ޝާޒް ވަނީ ދާދި ފަހުން ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ވެސް އަދާކޮށްފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޒުވާން ޓީމް ވަނީ ނޭޕާލުގައި ކުރިއަށްދިޔަ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޯދައިފަ އެވެ. ތިންވަނަ ހޮވި މެޗުގައި ބޫޓާންގެ މައްޗަށް ރާއްޖޭގެ ޒުވާން ޓީމުން ކުރިހޯދި އިރު މިއީ ސީނިއާ ފުޓްބޯޅަ ޓީމް ފިޔަވައި އެހެން އުމުރު ފުރައިގެ ޓީމަކުން ބައިނަލްއަގުވާމީ މުބާރާތެއްގައި މެޑެއްޔެއް ހޯދި ފުރަތަމަ ފަހަރެވެ.

ޝާޒް ޓީސީ އާއި ރޭ ހަވާލުވި އިރު އެޓީމު އޮތީ މާލީގޮތުން އެހާ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. ދިވެހި ފުޓްބޯޅަ އަށް ދިމާވެފައިވާ މާލީ މައްސަލަތަކުގެ އަސަރު ޓީސީ އަށް ވެސް ކޮށްފައިވާއިރު އެންމެ ފަހުން ޓީސީ އަށް އިރުޝާދު ދިން ކޯޗު މުހައްމަދު އާތިފް (އާތީ) މަގާމުން އިސްތިއުފާ ދިނީ ވެސް މާލީ މައްސަލަތަކާއި ހެދި އެވެ.

ޓީސީގެ ކޯޗުކަމާއި ހަވާލުވުމަށްފަހު ޝާޒްގެ އިރުޝާދުގެ ދަށުން އެޓީމު ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ރޭ ނިލަންދޫ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. 16 ޕޮއިންޓާއެކު ޓީސީ އޮތީ މިވަގުތު ދިވެހި ލީގް ތާވަލުގެ ހަތަރުވަނައިގަ އެވެ.