ބޮޑު މެދުކެނޑުމަކަށްފަހު ގްރީން ސްޓްރީޓް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވާދަކުރާ މެޗުން ދިރާގު ދިވެހި ލީގު މާދަމާ ފަށާނެ އެވެ.

ދިވެހި ޕްރިމިއާ ލީގް އެންމެ ފަހުން މެދުކަނޑާލީ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި މިދިޔަ މަހު ފިލިޕީންސް އާއި ގުއާމާ ދެކޮޅަށް ގައުމީ ޓީމުން ކުޅުނު މެޗުގެ އިތުރުން ނޭޕާލުގައި ދާދި ފަހުން އޮތް ސައުތު އޭޝިއަން ގޭމްސް އަށް 23 އަހަރުން ދަށުގެ ޓީމަށް ވަގުތު ދިނުމުގެ ގޮތުންނެވެ. މިއީ މިސީޒަނުގައި ލީގުގެ ކުޅުން މެދުކަނޑާލި ހަތަރުވަނަ ފަހަރެވެ.

ދެމަހެއްހާ ދުވަހުގެ މެދު ކެނޑުމަކަށްފަހު، ލީގު އަލުން ފަށާ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ މާޒިޔާ އާއި ގްރީން ސްޓްރީޓެވެ. މާދަމާ ރޭ ޓީސީ ސްޕޯޓްސް ކްލަބާއި ނިލަންދޫ ސްޕޯޓްސް ކްލަބް ވާދަކުރާ އިރު އަންގާރަ ދުވަހު ހަވީރު އޮންނާނީ ފޯކައިދޫ އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާ މެޗެވެ.

ލީގު އަލުން ފަށާއިރު މާޒިޔާ އަށް ވަނީ އެއްވަނައިގައި ބޮޑު ލީޑެއް ލިބިފަ އެވެ. އެއް ވަނައިގައި މާޒިޔާ އޮތީ ފުރަތަމަ 12 މެޗުން ލިބުނު 29 ޕޮއިންޓާ އެކު އެވެ. އަށް ޕޮއިންޓުގެ ލީޑަކާއެކު މާޒިޔާ އަށް އެންމެ ކުރި ލިބޭއިރު ދެ ވަނައިގައި އޮތީ 21 ޕޮއިންޓާ އެކު ކްލަބް އީގަލްސް އެވެ. ތިން ވަނައިގައި 20 ޕޮއިންޓާ އެކު އޮތީ ގްރީން ސްޓްރީޓެވެ. އަދި ހަތަރު ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު ޓީސީ އެވެ.

މިފަހަރު ޕްރިމިއާ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކްލަބް ވާދައެއް ނުކުރާނެ އެވެ. ވިކްޓްރީ އިން ކްލަބުގެ ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދޭށާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަން ކޮށްފައި ނުވާތީ އެ އެސޯސިއޭޝަނުން ވަނީ ދާދި ފަހުން އެ ކްލަބް ސަސްޕެންޑްކޮށްފަ އެވެ.