ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބާސެލޯނާ އާއި ދެކޮޅަށް ނުކުންނަ އިޓަލީގެ ނަޕޯލީ އަކީ ނުރައްކާތެރި ޓީމެއް ކަމަށާއި އެޓީމާއި ދެކޮޅަށް ނަތީޖާ ނެރެން އެއްވެސް ހާލެއްގައި ފަސޭހަ ނުވާނެ ކަމަށް ބާސާގެ ކޯޗު އެރްނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.

އިއްޔެ ކުރިއަށްދިޔަ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ޑްރޯ އާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ބާސާގެ ކޯޗު ބުނީ ނަޕޯލީ އަށް މިދުވަސްކޮޅު އެހާ ރަނގަޅު ނަތީޖާތަކެއް ނެނެރެވުނަސް އެޓީމަކީ ރީތި ފުޓްބޯޅައެއް ކުޅޭ އަދި މޮޅެތި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެއް ކަމަށެވެ.

"ނަޕޯލީ އަކީ ނުރައްކާތެރި ޓީމެއް. މިވަގުތަކީ އެ ކްލަބަށް އެންމެ ރަނގަަޅަށް ކަންތައްތައް ވަމުންދާ ދުވަސްކޮޅަކަށް ނުވިޔަސް އެއީ ފެންވަރު ހުރި ޓީމެއް. އެމީހުން ދާދި ފަހުން ކޯޗު އެ ބަދަލުކުރީ. އެހެންކަމުން ކުރީގެ ހާލަތަށް ރުޖޫޢަވާން އެޓީމަށް ނަގާނެ ދުވަސްކޮޅެއް. އަހަރެމެން ބަލާނަން ފެބްރުއަރީ މަހާ ހަމައަށަ ނަޕޯލީ އާއި އެހެން ޓީމުތަކުން ވެސް ދަތުރުކުރާ ގޮތް. ބާސާ އިން ވަރަށް ބޮޑަށް މި ޓައި އަށް ތައްޔާރުވާން އެބަޖެހޭ،" ވަލްވާޑޭ ބުންޏެވެ.

ވަލްވާޑޭ އިތުރަށް ބުނީ ނަޕޯލީ އަކީ ބޮޑު ސްޓޭޑިއަމެއްގައި ކުޅޭ ޓީމެއް ކަމަށާއި އެ ސްޓޭޑިއަމްގައި ސަޕޯޓަރުން ތިބެނީ ދަނޑާއި ވަރަށް ކައިރީގައި ކަމުން މެޗުގެ ފޯރި އިތުރަށް ގަދަ ވެގެންދާނެ ކަމަށެވެ. އަދި ބާސާ އިން އެކަހަލަ ދަނޑުތަކުގައި ކުޅެ ތަޖުރިބާ ހޯދައިފައިވުމުން އެއީ މައްސަލައެއް ނޫން ކަމަށާއި ހުރިހާ ގޮތަކުން ބެލިޔަސް ނަޕޯލީ އާއި ދެކޮޅަށް ކުޅެން އޮތީ ފޯރިގަދަ އަދި އުނދަގޫ މެޗެއް ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މި ދެޓީމް ބައްދަލުކުރާ ފުރަތަމަ ލެގް ކުޅޭނީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އިޓަލީގެ ސަން ޕާއޮލޯ ސްޓޭޑިއަމްގަ އެވެ.

ވަލްވާޑޭގެ ބާސެލޯނާ އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް އެފްގެ އެއްވަނަ ހޯދައިގެންނެވެ. ނަޕޯލީ ދެވަނަ ބުރަށް ކޮލިފައިވީ ލިވަޕޫލްގެ ފަހަތުން ގްރޫޕް އީގެ ދެވަނަ ހޯދައިގެންނެވެ. ގްރޫޕުގެ ދެވަނަ ލިބުނަސް ނަޕޯލީން ފުރަތަމަ ބުރު ނިންމާލީ މެޗަކުން ބަލިނުވެ އެވެ. އަދި އެޓީމަކީ މިސީޒަނުގަައި 90 މިނެޓް ތެރޭ ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލް ބަލިކުރި ހަމައެކަނި ޓީމެވެ.

ނަޕޯލީން ފަހަކަށް އައިސް ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ކްލަބުގެ ކޯޗު ކަމުން ވަކިކުރި ކާލޯ އެންޗެލޯޓީގެ ބަދަލުގައި އެ ކްލަބާއި ހަވާލުވީ ކުރިން އޭސީ މިލާނަށް އިރުޝާދު ދިން ޖެނާރޯ ގަޓޫސޯ އެވެ.

ބާސާ އާއި ދެކޮޅަށް ކުޅެން ޖެހުމުން ގަޓޫސޯ ބުނީ ބާސާ ދެކެ ބިރެއް ނުގަންނަ ކަމަށާއި މެޗަށް ނުކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރު ވެގެން ކަމަށެވެ.