ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުގައި ކްލަބް ވެމްކޯ ބަލިކޮށް ލީގު ބުރުގެ އެއް ވަނަ މަގާމު އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް އިން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗު ޕޮލިހުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 25-21 އިން ޕޮލިސް ކްލަބުން ގެންދިޔައިރު ދެ ވަނަ ސެޓުގައި ވެމްކޯ އިން ވަނީ ނަތީޖާ އަނބުރާލައި 19-25 އިން ސެޓު ގެންގޮސް ނަތީޖާ އެއްވަރުކޮށްފަ އެވެ. ނަމަވެސް ފަހު ދެ ސެޓުގައި ޕޮލިހުން ވަނީ މޮޅު ކުޅުމެއް ދައްކައި މެޗު ކާމިޔާބުކޮށްފަ އެވެ. ޕޮލިހުން ފަހު ދެ ސެޓު ގެންދިޔައީ 25-18، 25-16 އިންނެވެ.

ރޭގެ މެޗާ ކުރިމަތިލިއިރު ލީގު ބުރުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެމްކޯ އާއި ޕޮލިސް ވަނީ މޮޅުވެފަ އެވެ. ރޭގެ ނަތީޖާއާއެކު މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި މާދަމާ ހަވީރު ވެސް ކުޅޭނީ މި ދެ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ފުރުސަތު ލިބޭނެ އެވެ. ބަލިވާ ޓީމެއް ޖެހޭނީ ތިން ވަނަ ސެމީގައި ވާދަކުރާށެވެ. ތިން ވަނަ ސެމީގައި ކުޅޭނެ އަނެއް ޓީމަކީ ދެ ވަނަ ސެމީގައި ލޮރެންޒޯ އާއި އަލްމާ ބައްދަލުކޮށް މޮޅުވާ ޓީމެކެވެ.

ގައުމީ މުބާރާތުގައި އިއްޔެ ހަވީރު ލޮރެންޒޯ ސްޕޯޓްސް ކްލަބުން ވަނީ އަލްމާ ސްޕޯޓްސް ކްލަބް އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ލޮރެންޒޯ އިން ގެންދިޔައީ 25-13، 25-17، 25-17 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ލޮރެންޒޯ އަށް ކުޅޭ ނޭޕާލުގެ ކުޅުންތެރިޔާ ސަރަސްވަތީ ޗޯދަރީ އެވެ.