އޮލިވިއޭ ޖިރޫ ކާމިޔާބުކުރި ދެ ގޯލާއެކު ފަހަތުން އަރާ 2-3 އިން ސައުތްހެމްޓަންގެ މައްޗަށް ޗެލްސީ އިން ކުރި ހޯދައިފިއެވެ.

މިރޭގެ މޮޅާއެކު ޗެލްސީ އޮތީ 60 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. މިރޭގެ މެޗުން ބަލިވި ސައުތްހެމްޓަން އޮތީ 28 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގައެވެ.

ސައުތްހެމްޓަން އިން މިއަދުގެ މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 21 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ބާޓްރެންޑް ދިން ޕާހަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޓަޑިޗްއެވެ. މި ގޯލަށްފަހު ވެސް މި ހާފުގައި ސައުތްހެމްޓަން އިން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މި ހާފުގައި ޗެލްސީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު ސައުތްހެމްޓަންގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް އެޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސައުތްހެމްޓަން އިން ނިންމާލިއިރު މެޗުގެ 60 ވަނަ މިނެޓްގައި ޖޭން ބެޑްނަރެކް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ސައުތްހެމްޓަންގެ މި ގޯލާއެކު ޗެލްސީން ވަނީ މޮރާޓާގެ ބަދަލުގައި ޖިރޫ ކުޅެން އަރުވާފައެވެ.

އެގޮތުން މެޗުގެ 70 ވަނަ މިނެޓްގައި ޗެލްސީގެ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިނީ ޖިރޫއެވެ. އަދި އޭގެ ފަސް މިނެޓްފަހުން އެޑެން ހަޒާޑް ވަނީ ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ޗެލްސީ މި މެޗުން މޮޅުވި ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ޖިރޫއެވެ.

މިއީ ދެ މެޗަށްފަހު ޗެލްސީ އަށް ލީގުގައި ހޯދުނު ފުރަތަމަ މޮޅެވެ. އެގޮތުން ލީގުގައި އެންމެފަހުން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން އެޓީމު ބަލިވިއިރު އަނެއް މެޗުން އެޓީމު ވީ އެއްވަރެވެ.

މިއަދުގެ މެޗުން މޮޅުވި ނަމަވެސް ލީގުގެ ގަދަ ހަތަރެކަށް އެރުމަށް ޗެލްސީ އަށް އަދިވެސް އުނދަގޫތަކެއް އެބަހުއްޓެވެ. އެގޮތުން ލީގުގެ ހަތަރުވަނައިގައި އޮތް ޓޮޓެންހަމްއާ ޗެލްސީއާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައިނެވެ. މިރޭ ކުޅޭ މެޗުން ޓޮޓެންހަމް މޮޅުވެއްޖެނަމަ މި ފަރަގު އިތުރަށް ބޮޑުވާނެއެވެ.

ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބިއްޖެނަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ޗެލްސީ އަށް ނުލިބޭނެއެވެ.