އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނެލް މެސީ މި އަހަރުގެ މިހާތަނަށް ޖެހި 50 ވަނަ ލަނޑާއެކު ޑެޕޯޓިވޯ އަލާވެސް ބަލިކޮށް ޗެމްޕިއަން ބާސެލޯނާ އިން ލަލީގާ ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ކޭމްޕް ނޫގައި ރޭ ކުޅުނު މެޗު ބާސާ އިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-1 އިންނެވެ. މި މޮޅާއެކު ބާސާ އިން ވަނީ ދެވަނައިގައި އޮތް ރެއާލަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެން 39 ޕޮއިންޓް ހަމަކޮށްފަ އެވެ. ރެއާލަށް ލިބެނީ 36 ޕޮއިންޓެވެ. ސެންޓިއާގޯ ބާނެބެއުގައި މިރޭ އެތްލެޓިކޯ ބިލްބާއޯ ބަލިކޮށްގެން އަނެއްކާވެސް ބާސާ އާއި ޕޮއިންޓުގެ ގޮތުން އެއް ވަރު ކުރުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ.

ރޭ ޑެޕޯޓިވޯ އަލާވެސް އާއި ދެކޮޅަށް ބާސާ އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ދިން ބޯޅައެއްގައި ޖެހީ އެންޓޮއިން ގްރީޒްމަން އެވެ. އޭގެ ކުރިން ބާސާ އިން އުފެއްދި ހަމަލާއެއްގައި ކެޕްޓަން މެސީ އަލާވެސް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސުއަރޭޒް ތަނަވަސްކޮށްދިން އިތުރު ފުރުސަތެއްގައި އަރްޓޫރޯ ވިޑާލް ވަނީ ބާސާގެ ލީޑު ދެ ލަނޑަށް ބަދަލުކޮށްފަ އެވެ. އަލާވެސް އިން ފަރަގު ކުރީ 56 ވަނަ މިނެޓުގައި ރުބެން ޑުއާޓޭގެ އެހީތެރިކަމާއެކު ޕެރޭ ޕޮންސް ބޮލުން ޓާސްޓެޖަންގެ ގޯލު ފޫއަޅުވާލުމުންނެވެ.

އޭގެ ފަހުން 69 ވަނަ މިނެޓުގައި ސުއަރޭޒް ޖައްސާލި ބޯޅައެއްގައި މެސީ ވަނީ 2019 ވަނަ އަހަރުގެ ތެރޭ އޭނާ ޖެހި 50 ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. 56 މެޗުން މެސީ 50 ލަނޑު ހަމަކުރި އިރު އޭނާ ވަނީ ފާއިތުވެދިޔަ ދިހަ އަހަރުގެ ތެރެއިން 2013 ފިޔަވައި ކޮންމެ އަހަރަކު މަދުވެގެން 50 ލަނޑު ޖަހައިފަ އެވެ.

ބާސާގެ ހަތަރު ވަނަ ލަނޑު މެޗު ނިމެން 15 މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ އަކުން ޖެހީ ސުއަރޭޒް އެވެ. މިއީ އޭރިއާ ތެރެއިން އަލާވެސް ކުޅުންތެރިއެއްގެ އަތުގައި ޖެހުނު ކަމަށް ބަލައި ރެފްރީ ބާސާ އަށް ދިން ޕެނަލްޓީ އެކެވެ.

ބާސާ އަށް ދެން ލީގް މެޗެއް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު އެވެ. ރަށުން ބޭރުގައި އެސްޕާންޔޯލް އާއި ދެކޮޅަށް އެޓީމު ނުކުންނަ އިރު އޭގެ އަނެއް ދުވަހު ޑިޕޯޓިވޯ އަލާވެސް ކުޅޭ މެޗުގައި އެޓީމު ވާދަކުރާނީ ރެއާލް ބެޓިސްއާ އެވެ.