އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިދިޔަ ދެ ސީޒަނުގައި މެންޗެސްޓާ ސިޓީ އަށް ހޯދައިދިން ކޯޗު ޕެޕް ގާޑިއޯލާ އަކީ ދުނިޔޭގެ އެއް ވަނަ ކޯޗު ކަމަށް ޒައިނިދީން ޒިދާން ބުނެފި އެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ޒިދާން މިހެން ބުނެފައިވަނީ ސްޕެނިޝް ލީގުގައި މިރޭ އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ރެއާލް ކުޅެން ހަމަޖެހިފައި އޮތް މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

ޒިދާން ބުނީ ދުނިޔޭގެ އެއް ވަނަ ކޯޗަކީ ގާޑިއޯލާ ކަމަށާއި އެކަން އޭނާ ސާބިތުކޮށްދެމުން އަންނަތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި ގާޑިއޯލާ އަކީ އޭނާ ވަރަށް އިހުތިރާމް ކުރާ މީހެއް ކަމަށާއި ޗެމްޕިއަންސް ލީގުގައި ގާޑިއޯލާ އާއި ދެކޮޅަށް ނުކުންނަން ވަރަށް ބޭނުންވެފައި ހުރި ކަމަށް ޒިދާން ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީގެ ކުރިމަތިލުން ކުރިއަށް އޮތް އިރު ސިޓީ ފަހަތައް ޖައްސާލުމަކީ ފަސޭހަ އިން ކުރެވޭނެ ކަމެއް ނޫން ކަމަށް ޒިދާން ބުންޏެވެ.

"މިހާތަނަށް ވަރަށް ގިނަ ފަހަރެއްގެ މަތިން އަހަރެން ގާޑިއޯލާ އާއި ދެކޮޅަށް ކުޅެފިން. ކުޅުންތެރިއެއްގެ ގޮތުގައްޔާއި ކޯޗެެއްގެ ގޮތުގައި ވެސް އަހަރެންގެ އިހުތިރާމް ގާޑިއޯލާ އަށް އެބައޮތް. އޭނާ އަކީ ދުނިޔޭގެ އެއް ވަނަ ކޯޗު. އެކަން އޭނާ އަންނަނީ ސާބިތުކޮށްދެމުން. އަހަރެންގެ އިތުރުން ރެއާލްގެ ކުޅުންތެރިން ވެސް ތިބީ ގާޑިއޯލާ އާއި ދެކޮޅަށް ކުޅެން ވަރަށް ބޭނުންވެފައި. އަހަންނަށް އިނގޭ ސިޓީގެ ފެންވަރު. ފަސޭހަ ނުވާނެކަން ވެސް އިނގޭ،" ޒިދާން ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލާއި ސިޓީގެ ފޯރިގަދަ ކުރިމަތިލުމުގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު މެޑްރިޑްގް ސެންޓިއާގޯ ބާނެބެއުގަ އެވެ.

ރެއާލުން މިފަހަރު މި މުބާރާތުގެ ފުރަތަމަ ބުރު ނިންމާލީ ޕީއެސްޖީގެ ފަހަތުން ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ސިޓީން ދެ ވަނަ ބުރަށް ދަތުރު ކުރީ ގްރޫޕް ސީގެ އެއްވަނަ ހޯދައިގެންނެވެ.