މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެންބަނޑުފިލާ ޗެލެންޖް”ގެ ނަމުގައި ބޭއްވި ބޮޑީބޯޑިންގް މުބާރާތުގެ ޕްރޯން މެންސް ޑިވިޝަންގެ ޗެމްޕިއަންކަން ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރ އަލީ ހުޝްރުވާން (ކުޑައައްޔަ) ހޯދައިފިއެވެ.

މުބާރާތުގެ ޕްރޯން ޑިވިޝަންގެ ޗެމްޕިއަންކަން ކުޑައައްޔަ ހޯދީ ފައިނަލް ހީޓުގައި އަލީ އާނިމް (ކިރިކާ) އާއި ވާދަކޮށްގެންނެވެ. މި ބައިގެ ތިންވަނަ ހޯދީ އަހުމަދު ނަޒްމީން އެވެ. މިއަހަރުގެ ޕްރޯން ޑިވިޝަންގައި ޖުމްލަ 36 ފަރާތަކުން ވަނީ ވާދަކޮށްފައެވެ. ފައިނަލް ހީޓުގައި ކުޑައައްޔަ 13.1 ޕޮއިންޓް ހޯދި އިރު އާނިމް އަށް ލިބުނީ 12.6 ޕޮއިންޓެވެ.

ބަނޑުފިލާ ޗެލެންޖްގެ ޕްރޯން ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުހައްމަދު ރީޝާން ރަޝީދެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި އަހުނަފްގެ މައްޗަށް ކުރިހޯދައިގެންނެވެ. ޕްރޯން ޖޫނިއާ ޑިވިޝަންގައި ޖުމްލަ 16 ފަރާތަކުން ވާދަކުރިއެވެ.

މުބާރާތުން ވަނަ ވަނަ އަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށް ދެއްވީ ޝަރަފްވެރި މެހެމާނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން އަހްމަދު އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ 9 އަތޮޅެއްގެ 11 ރަށަކުން މުޅިއެކު 41 ބޮޑީބޯޑަރުން ވަނީ ވާދަކޮށްފައެވެ. މިއީ ގައުމީ ފެންވަރުގައި އެމްބީބީއޭ އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ބޮޑީބޯޑިންގް މުބާރާތެވެ.