1-3 އިން ޓޮޓެންހަމް ބަލިކޮށް ޕްރިމިއަރ ލީގު ނެގުމާ ގާތަށް މެންޗެސްޓަރ ސިޓީ އިން ޖެހިލައިފިއެވެ.

ރޭގެ މޮޅާއެކު ލީގު ނަގަން ސިޓީ އަށް މިހާރު ބޭނުންވަނީ އެންމެ ތިން ޕޮއިންޓެވެ. ނަމަވެސް ސިޓީއާ އެންމެ ގާތުން ވާދަކުރަމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑް މިރޭ ކުޅޭ މެޗުން ނުވަތަ ބުދަ ދުވަހުގެރޭ ކުޅޭ މެޗުން ބަލިވިޔަސް ސިޓީ އަށް ލީގު ލިބޭނެއެވެ.

ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 87 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 71 ޕޮއިންޓާ އެކު މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު ތިންވަނައިގައި 70 ޕޮއިންޓާ އެކީ އޮތީ ލިވަޕޫލްއެވެ. ރޭ ސިޓީ އަތުން ބަލިވި ޓޮޓެންހަމް އޮތީ 67 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.

ވެމްބްލީގައި ރޭ ކުޅުނު މި މެޗުގެ ކުރީކޮޅު ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 22 ވަނަ މިނެޓްގައި ގެބްރިއަލް ޖީސެސް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން ސިޓީ އަށް ލިބުނު ޕެނަލްޓީ އަކުން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ގުންޑޮގާންއެވެ.

ސިޓީގެ މި ދެ ގޯލަށްފަހު ޓޮޓެންހަމް އިން ކުޅުން ރަނގަޅު ކުރިއިރު ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އެރިކްސަން ވަނީ ގޯލެއް ކާމިޔާބުކޮށް ޓޮޓެންހަމް އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މެޗުގެ ދެވަނަ ހާފްގައި ނަތީޖާ އެއްވަރުކުރުމަށް ޓޮޓެންހަމް އިން މަސައްކަތް ކުރި ނަމަވެސް މާ ރަނގަޅު ފުރުސަތެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މި މެޗުން ސިޓީ އަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. މި ގޯލަށްފަހު ސްޓާލިން އަށް ވަނީ ގޯލްޖަހާނެ އިތުރު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ލީގު ހޯދުމާ ގާތަށް ސިޓީ އިން ޖެހިލިއިރު އަންނަ ހަފްތާގައި އެޓީމު ނިކުންނާނީ ސްވެންސީ ސިޓީއާ ދެކޮޅަށެވެ. ސިޓީ އިން ވަނީ މި ސީޒަނުގައި މިހާތަނަށް އެއް ތަށި ކާމިޔާބުކޮށްފައެވެ. އެއީ އިނގިރޭސި ލީގު ކަޕެވެ.