"ވަގުތު" އިން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ ރާއްޖޭގެ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތުގެ 2020 ވަނަ އަހަރުގެ މޭޖާ ސްޕޮންސަރ އަކަށް ވީބީ ބްރަދާސް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އަންނަ އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ "ޑްރީމްސް ޕިއްޒާ" އެވެ. އަންނަ އަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ "ޑްރީމްސް ޕިއްޒާ" ވަގުތު ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ.

"ވަގުތު" ފުޓްސަލް މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. އަންނަ އަހަރުގެ މުބާރާތުގައި ދެވޭ ފައިސާގެ އިނާމު ވެސް މިހާރު ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުކޮށްފައެވެ. މިިދިޔަ އަހަރާއި މިއަހަރު ވަގުތު ފުޓްސަލް މުބާރާތުގެ އަގަކީ 150،000 ރުފިޔާ އެވެ. 2017 ވަނަ އަހަރު ވަގުތު ފުޓްސަލްގެ މުބާރާތުގެ އަގަކީ 130،000 ރުފިޔާއެވެ.

އަންނަ އަހަރުގެ މުބާރާތަށް ބަލާއިރު، ތިންވަނަ ޓީމަށް 30،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް ވަނީ 150،000 އަށް ބޮޑު ކޮށްފަ އެވެ.

ވަގުތު ފުޓްސަލް ޗެލެންޖްގެ 2020 ވަނަ އަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިއާ އަށް ޢުމްރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ. އެ އުމްރާ ދަތުރު ހުށަހަޅާފައިވަނީ ޓްރެވް ހައްޖު އެންޑް އުމްރާ އިންނެވެ.

އަންނަ އަހަރު އޮންނަ ވަގުތު ފުޓްސަލް މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލާފައެވެ. މުބާރާތް ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ "ވަގުތު" ގެ ނަމްބަރު 7999681 އަށެވެ.

ފާއިތުވެ ދިޔަ ތިން އަހަރު ވަގުތު ފުޓްސަލް ޗެލެންޖް ގައި 16 ޓީމް ވާދަކުރި ނަމަވެސް، އަންނަ އަހަރު މުބާރާތުގައި 24 ޓީމް ވާދަކުރާނެއެވެ.