އިންގްލޭންޑްގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ހަ ކުޅުންތެރިން އިއުލާންކޮށްފިއެވެ.

މި އެވޯޑަށް މިފަހަރު ވާދަކުރާ ހަ ކުޅުންތެރިންނަކީ، މެންޗެސްޓަރ ސިޓީގެ ތިން ކުޅުންތެރިން ކަމަށްވާ، ކެވިން ޑެ ބްރައިނާ އާއި ޑޭވިޑް ސިލްވާ އާއި ލީރޯއި ސާނޭ އާއި ލިވަޕޫލްގެ މުހައްމަދު ސަލާހު އާއި ޓޮޓެންހަމްގެ ހެރީ ކޭންގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާއެވެ.

މި އެވޯޑު ހޯދާނެކަމަށް އެންމެ ބޮޑަށް ބެލެވެނީ ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ވިންގާ މުހައްމަދު ސަލާހުއެވެ. މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ސަލާހު ދައްކަމުން އަންނައިރު އޭނާ ވަނީ މި ސީޒަނުގައި ލިވަޕޫލް އަށް މިހާތަނަށް ކުޅެދިން 45 މެޗުގައި 40 ގޯލު ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން 2008 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ލިވަޕޫލް ގެންގޮސްދިނުމުގައި ވެސް ސަލާހުގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ.

ޕީއެފްއޭ އިން ހޮވާ އަހަރުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ނަންތަށް ވެސް އިއްޔެ ވަނީ އާއްމުކޮށްފައެވެ.

އެ ކުޅުންތެރިންނަކީ، މެންޗެސްޓަރ ސިޓީގެ ތިން ކުޅުންތެރިން ކަމަށްވާ، ރަހީމް ސްޓާލިން އާއި އެޓީމުގެ ގޯލްކީޕަރު އެޑަސަން އާއި ލީރޯއި ސާނޭ އާއި މެންޗެސްޓަރ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް އާއި ޓޮޓެންހަމްގެ ހެރީ ކޭންގެ އިތުރުން ފުލަމްގެ ރަޔަން ސެސެނޮންއެވެ.

މިދިޔަ އަހަރު ޕީއެފްއޭއިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ، ޗެލްސީގެ އެންގޯލޯ ކަންޓޭ އަށެވެ. އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބުނީ ޓޮޓެންހަމްގެ ޑެލެ އަލީ އަށެވެ.

މި އެވޯޑުތަށް ލިބޭ ކުޅުންތެރިން އިއުލާންކުރާނީ، މި މަހުގެ 22 ވަނަ ދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.