އިނގިރޭސި ޕްރިމިއަރ ލީގުން ހަ އަހަރަށްފަހު ވުލްވްސް ޖާގަ ހޯދައިފިއެވެ.

މި ވަގުތު އިނގިރޭސި ދެ ވަނަ ޑިވިޝަން ޗެމްޕިއަންޝިޕްގެ އެއް ވަނައިގައި އޮތް ވުލްވްސް އަށް އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ޖާގަ ޔަގީންވީ ރޭ ފުލަމް އާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމާ ގުޅިގެންނެވެ.

ވުލްވްސް އެންމެފަހުން ޕްރިމިއަރ ލީގުގައި ވާދަކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. ވުލްވްސް އަށް ބާކީ އަދި ހަތަރު މެޗު އޮތްއިރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމަށް އެޓީމަށް މިހާރު ބޭނުން ވަނީ ހަތަރު ޕޮއިންޓެވެ.

ޗައިނާގެ އޯނަރުންތަކެއް ހިންގާ ވުލްވްސް އިން ވަނީ ޕްރިމިއަރ ލީގަށް ޕްރޮމޯޓު ވުމަށް މި ސީޒަނުގައި ބޮޑެތި ހޭދަތަކެއް ކޮށްފައެވެ. އެގޮތުން އެޓީމުގެ ކޯޗަކަށް ގެނެސްފައިވަނީ ޕޯޓޯގެ ކުރީގެ ކޯޗު ނޫނޯ ސަންޓޯއެވެ.

އަދި މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ވުލްވްސް އިން ވަނީ ޕޯޓޯ އަށް ކުޅެމުން އައި ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރު ރުބެން ނެވެސް ވެސް އެ ކްލަބަށް ގެނެސްފައެވެ. ވުލްވްސް ޕްރިމިއަރ ލީގަށް ޕްރޮމޯޓު ކޮށްދިނުމުގައި ނެވެސްގެ ހިއްސާ ވަރަށް ބޮޑެވެ.

ވުލްވްސްގެ އިތުރުން އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ޖާގަ ހޯދާނެ ކަމަށް ބެލެވޭ އަނެއް ޓީމަކީ ކާޑިފްއެވެ. ދެން އޮތް ޖާގަ އަށް ވާދަކުރަމުން އަންނަ ޓީމުތަކަކީ ފުލަމް، އެސްޓަންވިލާ، މިޑިލްސްބަރާ އަދި މިލްވޯލްއެވެ.