ސްވިޑެންގެ ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް ދެވަނަ ފަހަރަށް އިޓަލީގެ އޭސީ މިލާނާ ގުޅިއްޖެ އެވެ.

ޒްލަޓަން އޭސީ މިލާނަށް ބަދަލުވީ ފްރީ އޭޖެންޓެއްގެ ގޮތުގައި ދުވަސްކޮޅެއް ވަންދެން ހުރުމަށްފަހު އެވެ. އޭނާ އެންމެ ފަހުން ކުޅުނީ އެމެރިކާގެ އެލްއޭ ގެލަކްސީ އަށެވެ. އެމެރިކާގެ ފުޓްބޯޅަ ސީޒަން ނިމުމާއެކު އެލްއޭ ގެލަކްސީ ދޫކޮށްލި ޒްލަޓަންގެ ސޮއި ހޯދަން ޔޫރަޕްގެ ކްލަބުތަކާއި ސްވިޑެންގެ ކްލަބަކުން ވަނީ މިދިޔަ ތިން ވަރަކަށް ހަފުތާގައި ވަރަށް މަސައްކަތްކޮށްފަ އެވެ.

ޒްލަޓަން ވަނީ އެމެރިކާ ލީގުން ހޮވި ޑްރީމް ޓީމުގައި މިއަހަރުގެ އިތުރުން މިދިޔަ އަހަރު ވެސް ހިމެނިފަ އެވެ. އެލްއޭ ގެލަކްސީ އަށް ކުޅެދިން 56 މެޗުގައި 53 ލަނޑު ކާމިޔާބުކުރި ޒްލަޓަން އެނބުރި އިޓަލީ އަށް ބަދަލުވާން ނިންމައިފައިވާ އިރު އޭނާ ވަނީ މީގެ ކުރިން ވެސް އޭސީ މިލާނަށް ކުޅެފަ އެވެ. މިލާން ޖާޒީގައި ކުރިން ވެސް މޮޅު ކުޅުމެއް ދެއްކި ޒްލަޓަން އެނބުރި އެޓީމާ ގުޅުނީ އަމިއްލަ އަށް ބޭނުންވުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިލާނަށް މީގެ ކުރިން ޒްލަޓަން ކުޅުނީ 2010 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. ފުރަތަމަ އަހަރު ލޯނު އުސޫލުން ސްޕެއިންގެ ބާސެލޯނާ އިން އެ ކްލަބަށް ބަދަލުވުމަށް ފަހު އޭނާ ވަނީ ފަހުން ރަސްމީ އެއްބަސްވުމެއްގައި އިޓަލީ ޓީމާއެކު ސޮއިކޮށްފަ އެވެ. މިލާނުގައި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ޒްލަޓަން ވަނީ 85 މެޗުގައި 56 ލަނޑު ޖަހައި 2010-2011 ވަނަ ސީޒަނުގެ ލީގު ޗެމްޕިއަންކަން އެޓީމަށް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.

ޒްލަޓަން އާއެކު މިލާން ސެރިއާ އެފަހަރު ކާމިޔާބުކުރި އިރު އެއީ އިޓަލީގެ ޗެމްޕިއަންކަން އެޓީމުން އެންމެ ފަހުން ހޯދި ފަހަރު ކަން ފާހަގަކޮށްލެވެ އެވެ. މިލާންގައި ކާމިޔާބު ދެ އަހަރު ހޭދަ ކުރުމަށް ފަހު އޭގެ ފަހުން ފްރާންސްގެ ޕީއެސްޖީ އާއި ގުޅުނު ޒްލަޓަން ވަނީ އިންގްލަންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅެފަ އެވެ.

ޒްލަޓަންގެ އެނބުރި އައުމާއެކު މިލާންގެ ސަޕޯޓަރުންނަށް އުފާވެރިކަން ލިބިގެންގޮސްފައިވާ އިރު 38 އަހަރުގެ ފޯވަޑްގެ ތަޖުރިބާ އާއި ހުނަރު ނިކަމެތިވެފައި އޮތް މިލާނަށް ވަރަށް ބޮޑަށް ބޭނުންކުރެވޭނެ ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ޔޫރަޕްގެ ގަދަ ބާރެއްގެ ގޮތުގައި މީގެ ކުރިން އޮތް މިލާން މިވަގުތު އޮތީ އިޓަލީ ލީގުގެ 11 ވަނައިގަ އެވެ. ގަދަ ހަތަރަކާއި އެޓީމާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އޮތް އިރު ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމު ވަނީ އެޓަލާންޓާ އަތުން 5-0 އިން ބަލިވެފަ އެވެ. މިއީ މިދިޔަ 21 އަހަރު ތެރޭ މިލާން ލީގް މެޗެއްގައި މިހާ ބޮޑު ތަފާތަކުން ބަލިވި ފުރަތަމަ ފަހަރެވެ.