ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު މުސްތަގްބަލުގައި ކޯޗެއްގެ ގޮތުގައި މަސަތްކަތް ކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އިޓަލީގެ ނޫހަކަށް މައުލޫމާތު ދެމުން ރޮނާލްޑޯ ބުނީ ކޯޗުކަން ކުރުމުގެ ޝައުގުވެރިކަމެއް ނެތަސް ފަހަރެއްގައި މެނޭޖްމަންޓުގެ ދާއިރާ އިން ފެނިދާނެ ކަމަށެވެ.

“ މިވަގުތު ހަމަގައިމުވެސް ކޯޗެއްގެ ގޮތުގައި މަސަތްކަތް ކުރުމުގެ ޝައުގެއް ނެތް. އެކަމަކު ނޭނގެ ފަހަރެއްގައި ފޫހިވެގެން ގޮސް ކޯޗަކަށް ވާން ބޭނުން ވުން ވެސް އެކަށީގެންވޭ. އަހަރެން ކޯޗަކަށް ވިޔަސް ވާނީ ކުޅުންތެރިން މޯޓިވޭޓް ކޮށްދޭ މީހެއްގެ ގޮތުގައި،ރޮނާލްޑޯ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ކުޅުންތެރިއެއްގެ ގޮތުގައި އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލާނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަަމަށާއި އޭނާ ޔުވެންޓަސްގައި މިވަގުތު ހުރީ އުފަލުން ކަމަށެވެ.

“ ޔުވެންޓަސްގެ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅު. ވަރަށް ހިތްހަމަޖެހިގެން މި ކްލަބުގައި އަހަރެން މިހިރީ. ޔުވެންޓަސް އަކީ އިޓަލީގެ އެންމެ ބޮޑު ކްލަބް. އަހަރެން ބޭނުން މި ކްލަބާއެކު ގިނަ ތަށިތަކެއް ހޯދަން،ރޮނާލްޑޯ ބުންޏެވެ.

އުމުރުން 34 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސް އާއި ގުޅުނީ ސްޕެއިންގެ ރެއާލް މެޑްރިޑްގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު އެވެ. ރެއާލްގައި ރޮނާލްޑޯ ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ އެޓީމާއެކު ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ.