އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ އަވަހަށް 100 މޮޅު ހޯދައިގެން ހޯސޭ މޮރީނިއޯ އަތުގައި އޮތް ރެކޯޑު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މުގުރާލައިފި އެވެ.

މޮރީނިއޯގެ ރެކޯޑު ގާޑިއޯލާ މުގުރާލީ ރޭ އަމިއްލަ ދަނޑުގައި ޝެފީލް ޔުނައިޓެޑް އަތުން ސިޓީ މޮޅުވުމުންނެވެ. ރޭގެ މޮޅާއެކު ޕްރިމިއާ ލީގުގައި ގާޑިއޯލާ 100 މޮޅު ހަމަކުރީ 134 މެޗުންނެވެ. ކުރިން މި ރެކޯޑު އޮތް މޮރީނިއޯ 100 މޮޅު ހޯދީ 142 މެޗުންނެވެ. މި ލިސްޓުގެ ތިން ވަނައިގައި އޮތީ 159 މެޗުން 100 މޮޅު ހަމަކުރި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕެވެ.

މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ މިއީ ސިޓީގެ ކުޅުންތެރިންނަށާއި ސްޓާފުންނަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށާއި މިދިޔަ ދެތިން ސީޒަނުގައި ސިޓީ އަށް އެކި ގޮތް ގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް މަރުހަބާ ކިޔާ ކަމަށެވެ.

“ ވަރަށް ބޮޑު ކާމިޔާބީއެއް މިއީ. ކްލަބަށާއި ކުޅުންތެރިންގެ އިތުރުން ސްޓާފުންނަށް ލިބިގެންދިޔަ. އަހަރެމެން ވަރަށް ފަޚުރުވެރިވަން މިދިޔަ ސީޒަންތަކުގައި މި ނެރެވުނު ނަތީޖާތަކާއި މެދު. އެންމެނަށް މަރުހަބާ ކިޔަން. އަހަރެން އެންމެ އުފާވަނީ ކުޅުންތެރިންނަށް. މި ކާމިޔާބީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކްލަބުގެ ކުޅުންތެރިން،ގާޑިއޯލާ ބުންޏެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް އިން އިންގްލަންޑަށް ބަދަލުވުމަށްފަހު ފުރަތަމަ ސީޒަނުގައި ސިޓީ ގޮވައިގެން ގާޑިއޯލާ އަށް ނިންމާލެވުނީ ތިންވަނައިގަ އެވެ. ނަމަވެސް ޖެހިގެން އައި ސީޒަނުގައި ރެކޯޑު 100 ޕޮޮއިންޓާއެކު ލީގް ޗެމްޕިއަންކަން ހޯދުމަށްފަހު މިދިޔަ ސީޒަނުގައި 98 ޕޮއިންޓާއެކު ތަށި ދިފާއުކުރި އެވެ.

މިދިޔަ ދެ ސީނުގައި މޮޅަށް ކުޅެ ޗެމްޕިއަންކަން ހޯދި ނަމަވެސް މިފަހަރު ތަށި ދިފާއުކުރުމުގައި ސިޓީ އަށް ވަނީ ބޮޑެތި ހުރަސްތަކާއި ކުރިމަތިވެފަ އެވެ. އެގޮތުން ލީގުގެ ދެބައިކުޅަ އެއްބައި މެޗުތައް މިހާރު ކުޅެ ނިމިފައިވާ އިރު ސިޓީ އޮތީ އެއްވަނައިގައި އޮތް ލިވަޕޫލަށް ވުރެ 14 ޕޮއިންޓް ފަހަތުގަ އެވެ.