މާފަރުގައި އުފައްދާފައިވާ "ދަ އައިލެންޑް ސްޕޯޓްސް އެކަޑަމީ" ރަސްމީކޮށް ހުޅުވުމަށް މި މަހުގެ 5 ވަނަ ދުވަހު އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި، ރާއްޖޭގެ ތާރީޙުގައި އުފެދުނު އެންމެ މޮޅު، ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު (ދަނގަޑޭ) ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ރަސްމިއްޔާތުގައި ދަނގަޑޭގެ އިތުރުން، ރާއްޖޭގެ ގޯލްޑް ކެޕްޓަން، އަކްރަމް ޢަބްދުލްޣަނީ އާއި، ހުނަރުވެރި މިޑްފީލްޑަރ، އިސްމާޢިލް އީސަ (މެސީ) ވެސް ބައިވެރިވާނެއެވެ،

މާފަރުގައި ހުޅުވުމަށް ހަމަޖެހިފައިވާ މި އެކަޑަމީ އާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، އައިލެންޑް ސްޕޯޓްސް އެކަޑަމީގެ ޗެއާރމަން، ޝަރުވަތު ޢަބްދުލްޣަނީ ވިދާޅުވީ، މި އެކަޑަމީ އުފެއްދުމުގެ ވިސްނުން ވަރަށް ކުރިންސުރެ ގެންގުޅެމުން އައި ކަމަށާއި، އެކަން ހަޤީޤަތަކަށް ވެގެންދާ ތަން ފެނުމުން އެކަމާއި އުފާ ކުރައްވާ ކަމަށެވެ.

"އެކަޑަމީ އުފައްދަން ޚިޔާލަކީ ރަށުގެ ޒުވާނުން ކޮޅެއްގެ މެދުގައި އުފެދިގެން ދިޔަ ޚިޔާލެއް. ކުޅިވަރުގެ ދާއިރާއިން ކުދިންނަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ފެށުނު މަސައްކަތެއް މީ. މިހާރު ފަރިތަކުރުންތައް ކުރިއަށްދާތާ 2 މަހެއްހާ ދުވަސް ވެދާނެ. ރަސްމީ ކޮށްމި ހުޅުވަނީ މި މަހުގެ 5 ވަނަ ދުވަހު. މި އިވެންޓްގައި ޖާރޒީ، އަދި އެކަޑަމީއަށް ރަޖިސްޓްރީ ވި ކަމުގެ ލިޔުން ހަވާލު ކުރެވޭނެ. މިހާރު ކުރިއަށް މި ގެންދަނީ ފިރިހެން ކުދިންނަށް އެކަނި. އެއީ 15 އަހަރުން ދަށުގެ ކުދިންނަށް. މިހާރު އެބަތިބި 63 ކުދިން. ދެން ހުޅުވާ ދުވަހު އަންހެން ކުދިންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާން އެބަ ވިސްނަން. އަންހެން ކުދިންނަށް ހޭންޑް ބޯލް އަދި ނެޓްބޯލް ވެސް ކުރިއަށް ގެންދާ ގޮތަށް. އޭގެ އިތުރުން ދެ ޖިންސުގެ ކުދިންނަށް މޫދު ކުޅިވަރުތައްވެސް ކުރިއަށްދާނެ." ޝަރުވަތު ވިދާޅުވިއެވެ.

މީގެ އިތުރުން، ޝަރުވަތު ވިދާޅުވީ، ކުދިންގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސް ދެއްވުމުގައި ބައިވެރިވެލައްވަނީ މާފަރަށް ނިސްބަތްވާ ބޭފުޅުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަޑަމީގެ މަސައްކަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ތަމްރީން ދިނުމުގައި ރަށަށް ނިޞްބަތްވާ ބޭފުޅުން މަސައްކަތް ކޮށްދެއްވަނީ. އެގޮތުން އަޅުގަނޑު ފާހަގަ ކޮށްލަން، ޤައުމީ ޓީމަށް މިހާރު ކުޅެމުން އަންނަ، ޢައްޒާމު ޢަބްދުﷲ ގެ ނަން. އަދި ރަށު ލެވެލްގައި އަދި އަތޮޅު ލެވެލްގައި ފާހަގަ ކޮށްލެވޭ ޖުމައިލް ވެސް ކުދިންނަށް ތަމްރީން ދިނުމުގައި ބައިވެރިވޭ. އަދި ހެޑް ކޯޗެއްގެ ގޮތުން، މުޞްލިމް މުޙައްމަދު (މުއްޓޭ) ވެސް ބައިވެރިވޭ. މުއްޓޭ އަކީ އަތޮޅު ފެންވަރުގައިވެސް، ޒޯން ފެންވަރުގައިވެސް ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ކޯޗެއް." ޝަރުވަތު ވިދާޅުވިއެވެ.

ހަމައެހެންމެ، މިމަހުގެ 5 ވަނަ ދުވަހު މި ބޭއްވޭ ރަސްމިއްޔާތުގައި ދަނގަޑޭ ބައިވެރިވުމަކީ ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށާއި، އެއީ އެކަޑަމީގެ ކުރިމަގަށްވެސް ލިބިގެންދާ އިތުރު ފުރުޞަތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

"ދަނގަޑޭ މި އިވެންޓްގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. ހަމަ އެއާއި އެކު، މާފަރަށް އުފަން، އަދި ރާއްޖޭގެ ގޯލްޑް ކެޕްޓަން އަކްރަމް ޢަބްދުލްޣަނީވެސް އެބަ ބައިވެރިވޭ. މީގެ އިތުރުން މެސީވެސް އެބަ ބައިވެރިވޭ. އެހެންކަމުން، މިއީ ވަރަށް ބޮޑު ހިތްވަރެއް. އަދި މުޅި ރަސްމިއްޔާތަށްވެސް ލިބޭ އެންމެ ބޮޑު އެއް ފުރިހަމަކަން މިއީ. އިރާދަ ކުރެއްވިއްޔާ އަތޮޅު ލެވެލްގައިވެސް އަދި މުޅި ރާއްޖޭގެ ފެންވަރުގައިވެސް މި އެކަޑަމީ އަކީ ނަމޫނާ އެކަޑަމީއެއް ކަމަށް ހެދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން." ޝަރުވަތު ވިދާޅުވިއެވެ.

ދަ އައިލެންޑް ސްޕޯޓްސް އެކަޑަމީ ރަސްމީކޮށް ހުޅުވުން، މި މަހުގެ 5 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، މިއީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިގެން ކުރިއަށް ގެންދެވިފައިވާ މަސައްކަތެއްކަން އެ ފަރާތުން ފާހަގަ ކުރެއްވިއެވެ.

"މާފަރު ސުކޫލުގެ ޕްރިންސިޕަލް، މުޙައްމަދު އަދުނާންގެ ނަން އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން. އަދި ޙާއްސަކޮށް، ސީއައިޓީއެމް ގެ ޗެއަރމަން މުޙައްމަދު ތޮލާލް ގެ ނަންވެސް އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަ ކުރަން. ހަމަ އެގޮތަށް މާފަރު ކައުންސިލް ވެސް. ދެން ޖުމްލަ ގޮތެއްގަ، މާފަރު ސުކޫލުގެ ހުރިހާ ބެލެނިވެރިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. އެކަޑަމީ އުފެދިގެން މި ހިސާބަށް އައުމުގައި ކުޑަނަމަވެސް އެހީތެރިކަމެއް ވެދެއްވާފައިވާ ހުރިހާ ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރަން. މިއީ ފެށުމެއް. ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މާފަރަކީ ކުޅިވަރުގެ ވަރަށް ކާމިޔާބު ތާރީޙެއް އޮތް ރަށެއް. މި ތާރީޚު އަލުން އިޢާދަ ކުރުމަށްޓަކައި އަދުގެ ޖީލަށް، މި އެކަޑަމީގެ ޚިދުމަތަކީ ކޮންމެހެން ލިބެން ޖެހޭނެ ޚިދުމަތެއްކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭ. މާފަރުން އުފެދުނު 2 ގޯލްޑް ކެޕްޓަނުންގެ އިތުރުން، އެތައް ކެޕްޓަނުންނެއް އުފެއްދިދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންގެ އެބަ އޮތް. އެފަދަ ހުނަރުވެރި ކުދިން މި ރަށުގައި އެބަ ތިބި. ތަޢުލީމު އުނގެނުމުގެ އިތުރުން، ތަޢުލީމާއި ކުޅިވަރާއި އެކު ކުރިއަށް ދެވޭނެ މަގު ފަހިވެގެން ދިއުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް." މި އެކަޑަމީ އާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، އެކަޑަމީގެ ވައިސް ޗެއާރމަން މަޒީން މުޙައްމަދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ފުޓުބޯޅައިގެ މަޝްހޫރު 3 ކުޅުންތެރިން ބައިވެރިވާގޮތަށް ހަމަޖެހިފައިވާއިރު، މާފަރަށް އުފަން، އަކްރަމް ޢަބްދުލްޣަނީ (އަކޫ) އަކީ ގައުމީ ޓީމުން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު، ޓީމުގެ ކެޕްޓަނެވެ. އަދި އެއަހަރު، ނިއު ރޭޑިއަންޓްގައި އޭނާ ވަނީ މުހިއްމު ކުޅުމެއް ދައްކާފައެވެ. އަދި އޭގެ ކުރީ އަހަރު ނިއުއިން ލީގު ހޯދި އިރުވެސް އަކޫއަކީ ޓީމުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.

ފުރަތަމަ ޑިވިޝަނަށް އަކޫ ތައާރަފްވީ ވެލެންސިއާއިންނެވެ. ރާއްޖޭގެ ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް އުފުލާލި އިރު، ކެޕްޓަނަކަށް ހުރީ އަކޫގެ ބޭބެ އައްސަދު އަބްދުލްޣަނީއެވެ.

2007 ވަނަ އަހަރުން 2009 ވަނަ އަހަރާ ހަމައަށް އަކޫ ނިއުއަށް ކުޅުނު އިރު، 2010 ވަނަ އަހަރު އޭނާ ވަނީ ވީބީ އައްޑޫ އެފްސީއަށް ކުޅެފައެވެ. 2007 ވަނަ އަހަރު ނިއުއަށް ކުޅެމުން ދަނިކޮށް އަކޫއަށް ގައުމީ ސްކޮޑުންވެސް ޖާގަ ލިބިފައިވާ އިރު، އޭނާ ވަނީ ވީބީއަށްފަހު މާޒިޔާއާއި ވެލެންސިއާއަށްވެސް ކުޅެފައެވެ.

އަކޫ ވަނީ ރާއްޖޭގެ 19 އަހަރުން ދަށާއި، 23 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ. ދަނޑުމަތީގައި އޭނާ ފާހަގަކޮށްލެވެނީ ވަރުގަދަ ލީޑަރެއްގެ ގޮތުގައެވެ. ހާއްސަކޮށް ގައުމީ ޓީމުގެ ކެޕްޓަން ބޭންޑްގައި އޭނާ ވަނީ ނަމޫނާ ދައްކާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝެނީ

    އެކަޑަމީގެ ޗެއަރމަން އަދި ވައިސް ޗެއަރމަން އަން އަންގާލަ ދީބަލަ 5 ވަނަ ދުވަހަށް ކޭކޭއިން މާފަރަށް ދާން ބޭނުންވާ މީހުންނަށް އެއްވެސް ފުރުޞަތެެއް އެބަ އޮތްތޯ ބައިވެރިވުމުގެ. ބޭނުންވަނީ ދަގޭ އާ އެއްކޮށް ފޮޓޯ އެއް ނަގާލަން. މެސީގެ ފޭނެއްވެސް އެބަ ހުރި. ވާންވީ ގޮތެއް އަންގާލަދީބަލަ. ތެންކްސް

    13
    • ޗެއަރ

      ހުރިހާ ފަރާތްތަކަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ..

  2. ފާއިޒް

    ތިއީ މާފަރުގަ މާ ލަސްވެއްޖެ ކަމެއް. ތިކަމަށް އިސްނެގީތީ މާފަރު ޒުވާން ކުދިން ކޮޅަށް ވަރަށް ޝުކުރު.

    އެހީތެރިކަން ދޭނަން

    10