ގައުމީ ވޮލީބޯޅަ ލީގުގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި ޕޮލިސް ކްލަބްގެ މައްޗަށް ގުޑީސް ސްޕޯޓްސް ކްލަބުން ކުރިހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައިި ކުޅުނު މި މެޗު ގުޑީސް ކާމިޔާބުކުރީ 3 ސެޓު 2 ސެޓުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ގުޑީސް އިން ޕޮލިސް ބަލިކުރި ދެ ވަނަ ފަަހަރެވެ. ފުރަތަަމަ ބުރުގައި ގުޑީސް އިން ޕޮލިހުގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ.

މި ނަތީޖާއާއެކު 10 ޕޮއިންޓް ހޯދާފައިވާ ޕޮލިސް ވަނީ ތާވަލުގެ ތިން ވަނަ އަށް ވެއްޓިފަ އެވެ. އެއް ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު ދިވެހި ސިފައިންގެ ކްލަބެވެ. ދެ ވަނައިގައި އޮތް ގުޑީސް ވަނީ 11 ޕޮއިންޓު ހޯދައިފަ އެވެ.

ރޭ ޕޮލިހާއި ގުޑީސް ވާދަކުރި މެޗުގެ ފުރަތަމަ ދެ ސެޓު ޕޮލިހުން ގެންދިޔައީ 25-22، 25-18 އިންނެވެ. ފުރަތަމަ ދެ ސެޓު ޕޮލިހުން ގެންދިޔަ ނަމަވެސް ގުޑީސް ވަނީ ތިން ވަނަ ސެޓުން ފެށިގެން ތަފާތު މޮޅު ކުޅުމެއް ދައްކައި މެޗުގެ ނަތީޖާ އަނބުރާލާފަ އެވެ. ގުޑީސް ޓީމުން ފަހު ތިން ސެޓު ގެންދިޔައީ 25-27، 23-25 އަދި 13-15 އިންނެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ސިފައިން ވަނީ ސީދާ ތިން ސެޓުން ސްޕޯޓްސް ކްލަބް ސިޓީގެ މައްޗަށް ކުރިހޯދައިފަ އެވެ. ސިފައިން ސެޓުތައް ގެންދިޔައީ އަދި 25-12، 25-16 އަދި 25-12 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ޕޮލިސް ނުކުންނާނީ ސްޕޯޓްސް ކްލަބް ސިޓީއާ ދެކޮޅަށެވެ. އަދި މިރޭ ކުޅޭ މެޗުގައި ގުޑީސް ބައްދަލުކުރާނީ ސިފައިންނާ އެވެ.