ބާސެލޯނާގެ ގޯލްކީޕަރު ޓާ ސްޓެގެން އާއި ރެއާލް މެޑްރިޑްގެ ފޯވަޑް އެޑެން ހަޒާޑަށް މި ހަފްތާގައި ފަށާ ސްޕެނިޝް ސުޕަ ކަޕުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

ރެއާލްގެ ތަރި ހަޒާޑަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ބާނެބެއުގައި ރެއާލް ކުޅުނު މެޗުގަ އެވެ. އެ މެޗަށްފަހު ހަޒާޑް ކުޅުމާއި ދުރަށް ދިޔައިރު ސައުދީ އަރަބިއާގައި އަންނަ ބުދަ ދުވަހު ފަށާ ސުޕަ ކަޕްގައި ހަޒާޑަށް ކުޅެވޭނެކަމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ރެއާލްގެ ކޯޗު ޒައިނިދީން ޒިދާން ވަނީ ބުނެފަ އެވެ.

ހަޒާޑަށް ސުޕާ ކަޕް ގެއްލޭނެ. 100% ޔަގީން. އޭނާ އަހަރެމެންނާއެކު ދަތުރެއް ނުކުރާނެ. މިވަގުތު ހަޒާޑު އަންނަނީ ރިކަވާ ވަމުން. އަހަރެމެން އުއްމީދު ކުރަނީ ސުޕާ ކަޕް ނިމޭހާ ހިސާބުގައި އޭނާ އަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭވަރު ވާނެ ކަމަށް،ޒިދާން ބުންޏެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި އިންގްލަންޑުގެ ޗެލްސީން މެޑްރިޑަށް ބަދަލުވި ހަޒާޑު ރެއާލްގެ ޖާޒީގައި ކުޅެފައިވަނީ އެންމެ 8 ލީގް މެޗެވެ.

ހަޒާޑުގެ އިތުރުން ބާސެލޯނާގެ ކީޕަރު ސްޓެގެން އަށް ވެސް ސުޕާ ކަޕް ގެއްލޭނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ސްޕެނިޝް ލީގުގައި އެންމެ ފަހުން ބާސެލޯނާ ކުޅުނު މެޗަށް ފަހު ސްޓެގެންގެ ކަނާތު ކަކުލަށް ލިބިފައިވާ އަނިޔާ އަށް ފަރުވާކުރަން ފަށާފައިވާ އިރު އަނިޔާއިން ރަނގަޅު ނުވަނީސް ޓާސްޓެގެން އެނބުރި ގެންނަން ބޭނުން ނުވާ ކަމަށް ބާސާގެ ކޯޗު އެރްނެސްޓޯ ވަލްވާޑޭ ވަނީ ބުނެފަ އެވެ.

“ ސްޓެގެންގެ ކަކުލަށް ލިބިފައިވާ އަނިޔާ އަށް ފަރުވޭ ދޭން ފެށިއިރު ވެސް އޭނާ އަށް ސުޕަ ކަޕް ގެއްލުމުގެ ބިރު އޮތް. މިހާތަނަށް ބެލި ބެލުމުން އޭނާ އަށް އެނބުރި އާދެވޭނީ ސުޕަ ކަޕްގެ ފަހުން. އެ އަނިޔާގައި ހުއްޓައި އަހަރެން އޭނަ ލައްވައި ކުޅުވަން ބޭނުމެއް ނޫން. މީގެ އެންމެ މުހިއްމު ކަމަކީ ސްޓެގެން މުޅިން ފިޓް ވެގެން ދަނޑަށް އެނބުރި އައުން،ވަލްވާޑޭ ބުންޏެވެ.

ސްޓެގެންގެ ބަދަލުގައި ކުރިއަށް އޮތް މެޗުތަކުގައި ބާސެލޯނާގެ ގޯލު ބަލަހައްޓާނީ މި ސީޒަނުގައި އެ ޓީމުން ގެނައި ވެލެންސިއާގެ ކުރީގެ ކީޕަރު ނެޓޯ އެވެ.

ސައުދީ އަރަބިއްޔާގައި މި މަހު 8-12 އަށް ކުރިއަށްދާ ސްޕެނިޝް ސުޕަ ކަޕްގައި ކުޅޭނީ ހަތަރު ޓީމެކެވެ. އެއީ ބާސެލޯނާގެ އިތުރުން ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑް އަދި ވެލެންސިއާ އެވެ. ފުރަތަމަ ސެމީގައި ކުޅޭނީ ރެއާލް އާއި ވެލެންސިއާ އެވެ. އަދި ދެ ވަނަ ސެމީގައި އެތުލެޓިކޯ އާއި ބާސެލޯނާ ބައްދަލު ކުރާނެ އެވެ.