ގެޓާފޭ ބަލިކޮށް ރެއާލް މެޑްރިޑުން މޮޅަކާއެކު އާ އަހަރު ފަށައިފި އެވެ.

ސްޕެނިޝް ލީގުގައި މިރޭ ގެޓާފޭގެ މައްޗަށް ރެއާލް ކުރިހޯދީ ފަސޭހަކަމާއެކު 3-0 އިންނެވެ. މި މޮޅާއެކު ރެއާލް ވަނީ ބާސެލޯނާ ފަހަތަށް ޖައްސާލައި ތާވަލުގެ އެއް ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ. 39 ޕޮއިންޓް ހޯދާފައިވާ ބާސާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ރެއާލަށް އެއް ވަނަ ލިބެނީ 40 ޕޮއިންޓާއެކު އެވެ.

ލަލީގާގައި މިރޭ ރަށުން ބޭރުގައި އެސްޕަންޔޯލް އާއި ދެކޮޅަށް ކުޅެން އޮތް މެޗު ކާމިޔާބުކޮށްގެން އަލުން އެއް ވަނަ އަށް އެރުމުގެ ފުރުސަތު ބާސާ އަށް އެބައޮތެވެ.

ގެޓާފޭގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ރެއާލުން ޖެހި ފުރަތަމަ ލަނޑަކީ އިދިކޮޅު ކީޕަރު ޑޭވިޑް ސޯރިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ފަހުން ޓޯނީ ކްރޫސްގެ އެހީތެރިކަމާއެކު ރަފައެލް ވަރާން ރެއާލްގެ ލީޑު ފުޅާކުރި އިރު މެޗުގެ އިތުރު ވަގުތުގައި ފެޑެރީކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމުގެ ތިން ވަނަ ލަނޑު ޖެހީ ލޫކާ މޮޑްރިޗް އެވެ.

ލަލީގާގައި ޖެހިޖެހިގެން ދެ މެޗު އެއްވަރުވެ ރެއާލް އާއި ބާސާ އާއި ދެމެދުގައިވާ ޕޮއިންޓުގެ ފަރަގު ބޮޑު ވުމުން މިރޭ ގެޓާފޭ އަތުން ލިބުނު ތިން ޕޮއިންޓަކީ ލީގް ޗެމްޕިއަންކަން ހޯދުމަށް ރެއާލުން ކުރަމުން އަންނަ މަސަތްކަތުގައި އެޓީމަށް ލިބިގެންދިޔަ ބޮޑު ހިތްވަރެކެވެ.

ރެއާލަށް ދެން ކުރިއަށް އޮތީ ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލުގައި އަންނަ އަންގާރަ ދުވަހު ވެލެންސިއާ އާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ. ސައުދީ އަރަބިއާގައި މިފަހަރުގެ ސުޕަ ކަޕް ކުރިއަށްދާ އިރު މުބާރާތުގެ ދެ ވަނަ ސެމީގައި ކުޅޭނީ ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑެވެ.