ނަޕޯލީ ބަލިކޮށް އިންޓަ މިލާން އިން އިޓަލީ ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ޔުވެންޓަސް އަށް އަނެއްކާވެސް ޕްރެޝަރު ބޮޑުކޮށްފި އެވެ.

ނަޕޯލީގެ ސަން ޕައޮލޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އިންޓަ ކާމިޔާބުކުރީ 3-1 އިންނެވެ. މި މޮޅާއެކު އިންޓަ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 18 މެޗުން 45 ޕޮއިންޓް ހަމަކޮށްފަ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިފައިވާ ޔުވެންޓަސް އަށް މިވަގުތު ތާވަލުގެ އެއް ވަނަ ލިބެނީ ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ. ރޭ އިންޓަ އަތުން ބަލިވި ނަޕޯލީ އޮތީ 24 ޕޮއިންޓާއެކު ތާވަލުގެ އަށް ވަނަ މަގާމުގަ އެވެ.

އިންޓަ އާއި ނަޕޯލީ ރޭ ބައްދަލުކުރި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ޖެހީ ރޮމެލޫ ލުކާކޫ އެވެ. އޭގެ ފަހުން 33 ވަނަ މިނެޓުގަައި މާސެލޯ ބްރޮޒޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލުކާކޫ އިންޓަގެ ލީޑު ފުޅާކޮށްދިން ނަމަވެސް ފުރަތަމަ ހާފު ނިމެން ކައިރި ވެފައި ވަނިކޮށް އަރެކް މިލިކް ވަނީ ނަޕޯލީ އަށް ފަރަގު ކުޑަކޮށްދީފަ އެވެ.

އިންޓަ އިން ދެ ލަނޑުގެ ލީޑެއް ދެ ވަނަ ފަހަރަށް ނެގީ ދެ ވަނަ ހާފުގެ 62 ވަނަ މިނެޓުގައި ލައުޓަރޯ މާޓިނެޒް ޖެހި ލަނޑުންނެވެ.

ރޭގެ މެޗަކީ އިޓާލިއަން ލީގުގައި ކޯޗެއްގެ ގޮތުގައި އެންޓޯނިއޯ ކޮންޓޭ ހޯދި 100 ވަނަ މޮޅެވެ. ކޮންޓޭ އެންމެ ފުރަތަމަ ސެރިއާ އޭގެ މެޗެއް ކާމިޔާބުކުރީ 2005 ވަނަ އަހަރު އެޓަލަންޓާގެ ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ރޭ 100 ވަނަ މޮޅު ހަމަކުރީ ކޯޗެއްގެ ގޮތުގައި ސެރިއާގައި މަސަތްކަތް ކުރި 145 ވަނަ މެޗުގަ އެވެ.

ވާދަވެރި އިޓާލިއަން ލީގުގައި އިންޓަ އަށް ދެން ކުރިއަށް އޮތީ އަންނަ ހޮނިހިރު ދުވަހު އެޓަލަންޓާ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެން އޮތް މެޗެވެ. ނަޕޯލީ ދެން ކުޅޭ މެޗެއްގައި އެޓީމު ނުކުންނާނީ ލާޒިއޯއާ ދެކޮޅަށެވެ.