ލީޑްސް ޔުނައިޓެޑް ބަލިކޮށް އާސެނަލް އިން އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އާސެނަލުން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި 55 ވަނަ މިނެޓުގައި ޖެހީ ރެއިސް ނެލްސަން އެވެ. މިއީ މިކެލް އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލުން ހޯދި ދެ ވަނަ މޮޅެވެ. އެ ޓީމުން މި މެޗާ ކުރިމަތިލީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދުމަށްފަހު އެވެ.

ރޭ ލީޑްސް އަތުން އާސެނަލް މޮޅުވި ނަމަވެސް މެޗުގައި ލަންޑަން ކްލަބުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. ޙާއްސަ ގޮތެއްގައި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ މައްޗަށް ލީޑްސް ޔުނައިޓެޑުން އަތްގަދަ ކުރި އިރު މި ހާފުގައި ލީޑްސްގެ ހަމަލާތަކުން އާސެނަލް ސަލާމަތްކޮށްދިނީ ކީޕަރު އެމިލިއާނޯ މާޓިނޭޒް އެވެ.

މާޓިނެޒްގެ ފަރާތުން ގިނަ ސޭވްސް ތަކެއް ފެނިގެންދިޔަ މެޗުގައި އާސެނަލް ވަރުގަދަ ވެގެންދިޔައީ ދެ ވަނަ ހާފުގަ އެވެ. އެގޮތުން އެލެގްޒާންޑާ ލަކަޒަޓް ނަގައިދިން ހުރަހަކުން ތަނަވަސްވި ފުރުސަތެއްގައި ނެލްސަން ލީޑްސްގެ ގޯލު ފޫއަޅުވާލި އިރު އޭގެ ފަހުން ފެނިގެންދިޔައީ އާސެނަލުން މެޗުގެ ކޮންޓްރޯލް ނެގިތަނެވެ. އެގޮތުން ދެ ވަނަ ހާފުގައި ކުޅެން އެރި ބްރެޒިލްގެ ޒުވާން ފޯވަޑް ގެބްރިއެލް މާޓިނެލީ ވަނީ ލީޑްސްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.

އެފްއޭ ކަޕްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމު ކަމަށްވާ އާސެނަލުން މިފަހަރުގެ މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކުރި އިރު ރޭގެ މޮޅަކީ ނިމިގެންދިޔަ އަހަރުގެ އޮކްޓޫބަރު މަހަށް ފަހު އާސެނަލުން ޖެހިޖެހިގެން ދެ މެޗު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އާސެނަލް އަށް ދެން ކުރިއަށް އޮތީ ލީގް މެޗެއްގައި އަންނަ ހޮނިހިރު ދުވަހު ކްރިސްޓަލް ޕަލަސް އާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ.