އިނގިރޭސި ޕްރެމިއަރ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީ އަށް ލިބިއްޖެ އެވެ.

ބާކީ ފަސް މެޗު އޮއްވާ ސިޓީއަށް އަށް ޗެމްޕިއަންކަން ލިބުނީ އެ ޓީމާ އެންމެ ގާތުން ވާދަކުރަމުން އައި މެންޗެސްޓަރ ޔުނައިޓެޑް މިރޭ ވެސްޓްބްރޮމް އަތުން 0-1 އިން ބަލިވުމާ ގުޅިގެންނެވެ.

ލީގު ޗެމްޕިއަންކަން ސިޓީ އަށް ލިބުނުއިރު ލީގުގެ އެއްވަނައިގައި އެޓީމު އޮތީ 87 ޕޮއިންޓާ އެކުއެވެ. ލީގުގެ ދެވަނައިގައި 71 ޕޮއިންޓާ އެކު މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު ބާކީ އޮތް ފަސް މެޗުން އެޓީމު މޮޅުވިޔަސް ދެން ސިޓީއާ އަރާ ހަމަ ނުކުރެވޭނެއެވެ.

ޕްރިމިއަރ ލީގުގައި 33 މެޗު ކުޅެ ނިމުނުއިރު ސިޓީ ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. އެޓީމު ބަލިވީ ލިވަޕޫލް އާއި މެންޗެސްޓަރ ޔުނައިޓެޑް އަތުންނެވެ.

ސިޓީ އިން ލީގު މިފަހަރު ކާމިޔާބުކޮށްފައިވަނީ ގިނަ ރެކޯޑުތަކެއް މުގުރާލުމަށްފަހުއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ގިނަ އަހަރުތަކެއް ވަންދެން އާސެނަލްގެ އަތުގައި އޮތް، ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑު މުގުރާލުމެވެ. މި ރެކޯޑު އާސެނަލް އިން ހެދީ 14 މެޗުން މޮޅުވެގެންނެވެ. މި ރެކޯޑު ސިޓީ އިން މުގުރާލީ ޖެހިޖެހިގެން 18 މެޗުން މޮޅުވެގެންނެވެ.

މިއީ ޕެޕް ގާޑިޔޯލާގެ އިރުޝާދުގެ ދަށުން ކުޅެ ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ސިޓީ އިން ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ކްލަބުގެ ތާރީހުގައި ޕްރިމިއަރ ލީގު ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.

ޕްރިމިއަރ ލީގަކީ މި ސީޒަނުގައި ސިޓީ އިން ކާމިޔާބުކުރި ދެވަނަ ތަށްޓެވެ. މީގެކުރިން ސިޓީ އިން ވަނީ އާސެނަލް ބަލިކުރުމަށްފަހު އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު