7-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮނާކޯ ބަލިކުރުމަށްފަހު ފްރެންޗް ލީގު ޕީއެސްޖީ އިން ކާމިޔާބުކޮށްފިއެވެ.

Error, group does not exist! Check your syntax! (ID: 111)

ބާކީ ފަސް މެޗު އޮއްވާ ލީގު ޗެމްޕިއަންކަން ޕީއެސްޖީ އަށް ލިބުނުއިރު ލީގުގެ އެއްވަނައިގައި އެޓީމު އޮތީ 87 ޕޮއިންޓާ އެކުއެވެ. ލީގުގެ ދެވަނައިގައި 70 ޕޮއިންޓާ އެކު މޮނާކޯ އޮތްއިރު ބާކީ އޮތް ފަސް މެޗުން އެޓީމު މޮޅުވިޔަސް ދެން ޕީއެސްޖީއާ އަރާ ހަމަ ނުކުރެވޭނެއެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ހަތް ގޯލުގެ ތެރެއިން ލޮ ސެލްސޯ އާއި ޑިމަރިޔާ، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ޕީއެސްޖީގެ އެއް ގޯލު މޮނާކޯގެ ކެޕްޓަން ފަލްކާއޯ އަތުން ބައިކޮޅަށް ވެސް ވަދެފައިވާއިރު އެޓީމުގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ ކަވާނީ އާއި ޑްރެކްސްލާއެވެ.

މޮނާކޯ އިން ރޭގެ މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ރޮނީ ލޮޕޭސްއެވެ.

މިއީ ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އިން ހޯދި ހަތްވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ފްރެންޗް ލީގު މިދިޔަ ސީޒަނުގައި ކާމިޔާބުކުރީ މޮނާކޯ އިންނެވެ.

މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ޕީއެސްޖީ އަށް ނުލިބުމުން މި ސީޒަނާއި އެޓީމު ކުރިމަތިލީ ސްކޮޑު އިތުރަށް ވަރުގަދަ ކޮށްގެންނެވެ. އެގޮތުން ދުނިޔޭގެ ރެކޯޑު އަގަކަށް ބާސެލޯނާ އަށް ކުޅެމުން އައި ބްރެޒިލްގެ ނޭމާ އާއި މޮނާކޯ އަށް ކުޅެމުން އައި ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ވަނީ އެ ޓީމަށް ގެނެސްފައެވެ. މީގެއިތުރުން ބާސެލޯނާ އާއި ޔުވެންޓަސް އަށް ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރު ޑެނިއަލް އަލްވޭސް ވެސް ޕީއެސްޖީ އިން ވަނީ ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން ގެނެސްފައެވެ.

ފްރެންޗް ލީގުގެ އިތުރުން ޕީއެސްޖީ އިން ވަނީ މިދިޔަ މަހުގެ ފަހުކޮޅު މޮނާކޯ ބަލިކުރުމަށްފަހު ފްރެންޗް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ޕީއެސްޖީ އަށް ފްރެންޗް ކަޕް ހޯދުމުގެ ފުރުސަތު ވެސް މި ސީޒަނުގައި އަދި އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު