ސަމްޕްޑޯރިއާގެ މައްޗަށް 0-3 އިން ކުރި ހޯދާ އިޓާލިއަން ލީގުގެ އެއްވަނައިގައި ޔުވެންޓަސް އިން ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރޭގެ މޮޅާ އެކު ލީގުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ 84 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 78 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ތިންވަނައިގައި 61 ޕޮއިންޓާ އެކު އޮތީ ރޯމާއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު އެޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފްގެ ފަހު މިނެޓްގައެވެ. މި ގޯލު ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް މާރިއޯ މަންޒުކިޗްއެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު ޔުވެންޓަސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ، ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު ކުޅުމުގެ ތެރެއަށް އައި ބެނެޑިކްޓް ހޮވެޑޭސްއެވެ. އަދި އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 75 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކެދީރާއެވެ.

ލީގުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ޔުވެންޓަސް އިން ނެގިއިރު އެޓީމާ އެންމެ ގާތުން ވާދަކުރަމުން އަންނަ ނަޕޯލީ ރޭ ކުޅުނު މެޗުން ވީ އެއްވަރެވެ. އެޓީމު އެއްވަރުވީ ލީގުގެ ހަވަނައިގައި އޮތް އޭސީ މިލާނާ ބައްދަލުކޮށް 0-0 އިންނެވެ.

ޔުވެންޓަސް އިން ލީޑު ފުޅާކުރިއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަށްފަހު ލީގުގައި އެޓީމު އަތުން ގެއްލިފައިވަނީ އެންމެ ހަތަރު ޕޮއިންޓުކަން ފާހަގަކޮށްލެވެއެވެ.

ލީގުގައި ޔުވެންޓަސް އިން ދެން ބައްދަލުކުރާނީ ނަޕޯލީއާއެވެ.