ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ މަގާމަށް ކުރިއަށް ޖެހިލައިފި އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުން ޓީސީ މޮޅުވީ 2-0 އިންނެވެ. ރޭގެ މެޗަށް ޓީސީން ނުކުތީ ބޮޑު ބަދަލު ތަކަކާއެކު އެވެ. އެގޮތުން ދާދި ފަހުން ހުޅުވުނު ޓްރާންސްފާ ބާޒާރުގައި ށ. ފޯކައިދޫ ފުޓްބޯލް ކްލަބުން ޓީސީއާ ގުޅުނު ތިން ކުޅުންތެރިން ވެސް ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ކުޅުނެވެ.

ޓީސީއާ އަލަށް ގުޅުނު ތިން ކުޅުންތެރިންނަކީ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް އާއި ޑިފެންޑަރު މަހުމޫދު ސައީދު އާއި ޑިފެންޑަރު އަލީ ޝާމިސް އެވެ. އަނެއްކޮޅުން ގްރީން ސްޓްރީޓްސް ޓީމުން ފާހަގަކޮށްލެވުނު އެންމެ ބޮޑު ބަދަލަކީ ޓްރާންސްފާ ބާޒާރުގައި ކްލަބް އީގަލްސް އިން ލޯނު އުސޫލުން އެޓީމަށް ބަދަލުވި ކީޕަރު ހަސަން އަލީފް އިބްރާހީމް ފުރަތަމަ އެގާރައިގައި ހިމަނާފައިވުމެވެ.

ޓީސީ އާއި ގްރީން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ޓީސީން ލީޑު ނެގީ 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އެއްގައި އިސްމާއިލް އީސާ (މެސީ) ޖަހައިދިން ލަނޑުންނެވެ. މިއީ އިޝާން އިބްރާހިމް (ސައްޓު) އަށް އޭރިޔާ ތެރެއިން ގްރީން ސްޓްރީޓްސްގެ ގާސިމް ސައްމާމް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޓީސީގެ ދެ ވަނަ ލަނޑު ސައްޓު ޖެހީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގަ އެވެ. ސައްޓުގެ ލަނޑުގެ ކުރިން އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ އިބްރާހީމް ރިޒުހާން (ރިޒްކޯ) އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެސީ އެވެ.

މި މޮޅާއެކު ޓީސީ ލީގު ތާވަލުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލީ 15 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ގްރީން ސްޓްރީޓްސް މިހާރު ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެޓީމަށް 16 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ 15 މެޗުން 30 ޕޮއިންޓް ހޯދާފައިވާ ކްލަބް އީގަލްސް އެވެ. އެއް ވަނައިގައި އޮތް މާޒިޔާ ވަނީ 16 މެޗުން 41 ޕޮއިންޓް ހޯދައިފަ އެވެ.

ލީގުގެ ދެ ވަނަ ބުރުގައި ބާކީ އޮތީ ޓީސީ އާއި އީގަލްސް ވާދަކުރާ މެޗެވެ. އަންނަ އާދީއްތަ ދުވަހު ކުޅޭ މި މެޗުން ޓީސީ މޮޅުވެއްޖެ ނަމަ މި ބުރު ނިމޭއިރު ތާވަލުގެ ދެ ވަނަ އެޓީމަށް ލިބޭނެ އެވެ.