މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމް ކޮށްގެން މި މަހު ފަހުކޮޅު ފަށާ ކުޅިވަރުގެ މާކެޓިންގް އަދި ސްޕޮންސަރޝިޕް ދާއިރާގެ ހާއްސަ ވޯކްޝޮޕްގެ ޕާޓްނަރަކަށް އެފްއޭއެމް ހަމަޖައްސައި އެ އިދާރާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

"ސްޕޯޓްސް މާކެޓިންގް އެންޑް ސްޕޮންސަރޝިޕް ވޯކްޝޮޕް" ގެ ނަމުގައި ކުރިއަށް ގެންދާ މި ވޯކްޝޮޕްގެ ޕާޓްނާޝިޕް އެއްބަސްވުމުގައި ސްޕޯޓްސް ކޯޕަރޭޝަން އާއެކު އެފްއޭއެމް އިން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ އެ އިދާރައިގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ސްޕޯޓްސް ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ އެމްޑީ މައުރޫފް އަހްމަދު (މާއްޓޭ) އެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ މިވަގުތު ރާއްޖޭގެ ކްލަބު ތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ މާލީގޮތުން ކްލަބުތައް ވީރާނާވެފައިވުން ކަމަށާއި މިއަދު ސޮއިކުރި އެއްބަސްވުމާއެކު އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ. ބައްސާމް ވިދާޅުވީ ކްލަބުތައް ރަނގަޅަށް މާކެޓް ނުކުރެވުމުގެ ސަބަބުން އެދެވޭ ގޮތެއްގައި ސްޕޮންސަރޝިޕް ހޯދުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާ ކަމަށެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީ މައުރޫފް އަހުމަދު (މާއްޓޭ) ވިދާޅުވީ އެފްއޭއެމް އާއި ގުޅިގެން މަސަތްކަތްތައް ރާވައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އެހެން ހަރުފަތަކަށް ގެންދަން އެ ކޯޕަރޭޝަނުން ބޭނުންވާ ކަމަށެވެ. އެގޮތުން މި އަހަރު ތެރޭގައި މާކެޓިންގް ދާއިރާގެ ތިން ސެމިނާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި މި މަހު ކުރިއަށް ގެންދާ ސެމިނާ އަކީ މި ދާއިރާގެ ތަޖުރިބާ ލިބިފައިހުރި ފަރާތެއްގެ އިރުޝާދުގެ ދަށުން ބާއްވާ ވޯކްޝޮޕެއް ކަމަށެވެ.

މި ވޯކްޝޮޕުގައި ކިޔަވައި ދޭނީ ކުޅިވަރާއި މާކެޓިންގް ދާއިރާގައި 12 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރެއް ކަމަށްވާ ސިންޓޯ އަޖްރަމް އެވެ. ސިންޓޯ އަކީ ބައިނަލް އަގުވާމީ ބޮޑެތި ކުންފުނިތަކުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.