ހިނގަމުންމިދާ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި އިންގްލަންޑުގެ ޗެލްސީ އަށް ކުޅެމުން އަންނަ ސްޕެއިން ފޯވަޑް ޕެޑްރޯ ރޮޑްރިގޭޒް ވިއްކާލަން ބޭނުން ނުވާ ކަމަށް އެ ކްލަބުގެ ކޯޗު ފްރޭންކް ލަމްޕާޑު ބުނެފި އެވެ.

ޕްރިމިއާ ލީގުގައި މިރޭ ބާންލީ އާއި ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ލަމްޕާޑު ބުނީ ޕެޑްރޯ އަކީ އަދިވެސް ޗެލްސީ އަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ތަޖުރިބާގެ ބޭނުން ޗެލްސީ އަށް ކުރިއަށް އޮތްތާގައި ވެސް ހިފޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

“ އަހަރެންގެ ޕްލޭންސް ތަކުގައި ޕެޑްރޯ ހިމެނޭ. އޭނާގެ ތަޖުރިބާ އާއި ޑިފެންޑަރުން ފަހަތުން ނަގާ ދުވުންތައް، މިއީ އަހަރެމެންނަށް އޭގެ ބޭނުން ހިފޭނެ ކަންތައް. އަހަންނަށް އިނގޭ އޭނާގެ ކޮންޓްރެކްޓް ހަމަވާން އުޅޭކަން ވެސް. އެކަމަކު މިވަގުތު އޭނާ އަކީ ޗެލްސީ ކުޅުންތެރިއެއް އަދި އޭނާ ދޫކޮށްލަން ބޭނުމެެއް ނުވޭ،ލަމްޕާޑު ބުންޏެވެ.

އުމުރުން މިހާރު 32 އަހަރުގެ ޕެޑްރޯ ޗެލްސީއާ ގުޅުނީ ސްޕެއިންގައި ބާސެލޯނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު އެވެ. އިންގްލަންޑަށް ބަދަލުވުމަށްފަހު މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭ ޕެޑްރޯ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގުގެ އިތުރުން އިނގިރޭސި އެފްއޭ ކަޕާއި ޔުރޮޕާ ލީގް ވެސް ކާމިޔާބުކޮށްފަ އެވެ.