އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗު ތަކުން މެންޗެސްޓާ ޔުނައިޓެޑާ ޗެލްސީ މޮޅުވެއްޖެ އެވެ.

އޯލްޑް ޓްރަފޯޑުގައި ތާވަލުގެ ފުލުގައި އޮތް ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 4-0 އިންނެވެ. މި މޮޅާއެކު ޔުނައިޓެޑް ވަނީ 22 މެޗުން 34 ޕޮއިންޓް ހަމަކޮށް ގަދަ ހަތަރަކަށް އެރުމަށް އެ ޓީމުން ކުރަމުން އަންނަ މަސަތްކަތުގައި ފިޔަވަޅެއް ކުރިއަށް އަޅައިފަ އެވެ. ޔުނައިޓެޑް މިވަގުތު އޮތީ ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ވުރެ ފަސް ޕޮއިންޓް މަދުން ލިބިގެން ތާވަލުގެ ފަސް ވަނައިގައެވެ. މި މެޗުން ބަލިވި ނޯވިޗް އަށް ލިބިފައިވަނީ 14 ޕޮއިންޓެވެ.

ނޯވިޗް ކޮޅަށް ޔުނައިޓެޑުން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ހުއާން މާޓާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މާކަސް ރަޝްފޯޑެވެ. ފުރަތަމަ ހާފު މި ނަތީޖާގައި އޮވެ ނިމިގެންދިޔަ އިރު ދެ ވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީ އަކުން ރަޝްފޯޑު ވަނީ ދެ ވަނަ ފަހަރަށް ނޯވިޗްގެ ގޯލު ފޫއަޅުވާލައި ޔުނައިޓެޑްގެ ލީޑު ފުޅާކޮށްފަ އެވެ. މިއީ ލެފްޓް ބެކް ބްރަންޑަން ވިލިއަމްސް އަށް ނޯވިޗްގެ ކީޕަރު ޓިމް ކްރުލް ކުރި ފައުލަކަށް ރެފްރީ އެންތޮނީ ޓެއިލާ ދިން ޕެނަލްޓީ އެކެވެ.

ޔުނައިޓެޑްގެ ތިން ވަނަ ލަނޑު މާޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެންތޮނީ މާޝަލް ޖެހި އިރު ހަތަރު ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މޭސަން ގްރީންވުޑް އެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗެއްގައި ޗެލްސީ ވަނީ 3-0 އިން ބާންލީގެ މައްޗަށް ކުރިހޯދައިފަ އެވެ. މި މޮޅާއެކު ޗެލްސީ އަށް ވަނީ 22 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ. މި މެޗުން ބަލިވި ބާންލީ އޮތީ 24 ޕޮއިންޓާއެކު 14 ވަނައިގަ އެވެ.

ސްޓަމްފޯޑް ބްރިޖްގައި ކުޅުނު މި މެޗުގައި ޗެލްސީން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ޖޮގީނިއޯ އެވެ. މިއީ ވިލިއަން އަށް ބާންލީގެ ޑިފެންޑަރު މެތިއު ލޯޓަން ކުރި ފައުލަކަށް ރެފްރީ ޗެލްސީ އަށް ދިން ޕެނަލްޓީ އެކެވެ.

މެޗުގައި ޗެލްސީން ކާމިޔާބުކުރި ދެ ވަނަ ލަނޑު 38 ވަނަ މިނެޓުގައި ޓެމީ އެބްރަހަމް ޖެހި އިރު ތިން ވަނަ ލަނޑު ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކުރީ ކަލަމް ހަޑްސަން އެވެ.