އިޓާލިއަން ލީގުގައި ރޭ އެޓަލަންޓާ އާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ތާވަލުގެ އެއް ވަނައިގައި ހަމަޖެހިލަން ލިބުނު ފުރުސަތު އިންޓަ މިލާނުން ނަގާލައިފި އެވެ.

އިންޓަގެ ދަނޑުގައި ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލައުޓަރޯ މާޓިނެޒް އިންޓަ އަށް ލީޑު ނަގައިދިން ނަމަވެސް ރޮބިން ގޮސެންސް ވަނީ 75 ވަނަ މިނެޓުގައި އެޓަލަންޓާ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ރޭގެ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލީޑު ނަގަން އެޓަލަންޓާ އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލުއިސް މިއުރިއެލް ފޮނުވާލި ޕެނަލްޓީ ކާމިޔާބުވާ ގޮތެއް ނުވި އެވެ. މިއީ އެޓަލަންޓާގެ ރަސްލަން މަލިނޮވްސްކީ އަށް އިންޓަގެ އަލެސާންޑްރޯ ބަސްޓޯނީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މި މެޗުން އެއްވަރުވެ ލިބުނު ޕޮއިންޓާއެކު އިންޓަ އަށް މިވަގުތު ސެރިއާ އޭގެ އެއް ވަނަ ލިބެނީ 46 ޕޮއިންޓާއެކު އެވެ. 45 ޕޮއިންޓާއެކު ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް މިރޭ ރޯމާގެ މައްޗަށް ކުރިހޯދިއްޖެ ނަމަ އެޓީމަށް އެއް ވަނަ މަގާމް ލިބޭނެ އެވެ.