ބާސެލޯނާގެ ކޯޗުގެ މަގާމާއި އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ވަރަށް އަވަހަށް ހަވާލުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާތާ ދުވަސްކޮޅެއް ވެފައިވާ އިރު އޭނާ އަށް އިތުރު ޕްރެޝަރާއި ކުރިމަތިވީ ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް އަތުން 3-2 އިން ބާސެލޯނާ ބަލިވުމުންނެވެ.

ވަލްވާޑޭގެ އިރުޝާދުގެ ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް ބާސާ އިން ސްޕެނިޝް ލީގް ޗެމްޕިއަންކަން ހޯދި ނަމަވެސް ޔޫރަޕްގައި މާ އެދެވޭ ކާމިޔާބީއެއް އެޓީމަށް ހޯދިފައި ނެތެވެ. ފުރަތަމަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި އިޓަލީގެ ރޯމާ އަތުން ބަލިވެ ކަޓައިގެންދިޔަ އިރު މިދިޔަ ސީޒަނުގައި އެ މުބާރާތާ ބާސާ އަލްވަދާޢުކީ ޗެމްޕިއަން ލިވަޕޫލް އަތުން ސެމީގައި ބަލިވުމުންނެވެ.

ބާސެލޯނާ އިން ވަލްވާޑޭ ބޭރު ކުރުމަށް އެ ކްލަބުގެ ސަޕޯޓަރުން ވެސް ވަރަށް ބޮޑަށް ގޮވަމުން އަންނަ ދަނޑިވަޅެއްގައި، ކްލަބުގެ ބޯޑުން ނިންމާފައިވަނީ ޒަވީ ކޯޗެއްގެ ގޮތުގައި އެނބުރި ބާސާ އަށް ގެނައުމެވެ. އުމުރުން 39 އަހަރުގެ ޒަވީ މިވަގުތު އަންނަނީ ގަތަރުގެ އަލް ސާދުގެ ކޯޗުގެ މަގާމް އަދާކުރަމުންނެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު މިދިޔަ މެއި މަހު އަލް ސާދުގެ ކޯޗުކަމާ ހަވާލުވެ ޒަވީ އަންނަނީ އެ ޓީމުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. ޒަވީގެ އިރުޝާދުގެ ދަށުން މިދިޔަ މަހު ގަތަރުގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އަލް ސާދު ވަނީ ވާދަކޮށްފަ އެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ޒަވީ އާއި ބާސެލޯނާގެ އޮފިޝަލުން ގަތަރުގައި ބައްދަލުކުރަމުން އަންނަ ކަމަށް ސްޕެއިންގެ ބޮޑެތި މީޑިއާތަކުގައި ރިޕޯޓް ކުރަމުން އަންނަ އިރު ބާސާ އާއި ހަވާލުވާން ޒަވީ އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށާއި މިހާރު ގޮތެއް ނިންމުމުގެ އިހުތިޔާރު އޮތީ އަލް ސާދު އަތުގައި ކަމަށް އެ ރިޕޯޓްތަކުގައިވެ އެވެ.

ބާސެލޯނާގެ އެކަޑަމީއާ 1991 ވަނަ އަހަރު ގުޅުނު ޒަވީ ސީނިއާ ކެރިއަރު އެ ކްލަބުން ފެށީ 1998 ގަ އެވެ. އޭނާ ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގު އަށް ފަހަރު، ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ސްޕެނިޝް ކޮޕާ ޑެލްރޭ ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. ޒަވީ އަކީ ބާސާގެ ތާރީހުގައި ވެސް އެ ކްލަބަށް އެންމެ ގިނަ މެޗު ކުޅެދިން އެއް ކުޅުންތެރިއާ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބާސާ ފޭން

    އަވަހައް އެ ވަލްވާޑޭ އެއް ބޭ ރުކޮއްބަލަ!

    6
    2
  2. ގްރީޒްމަން

    މަށަށްހެޔޮ ކޮންމެ ގޮތަކުންވެސް އެ ވަލްވާޑެ ބޭރު ކޮށްފިއްޔާ. އާނ ފަހެ މުޅި ބާސާ ހަލާކު ކޮށްފިޔޭ. ވަލްވާޑޭ ދެން ރާއްޖެ އަންނަން އުޅެ ގާޑިއޯލާ އާއެކު.?

    4
    1