އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ވުލްވަހެމްޓަން ވޮންޑަރާސް އިން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސް ވިންގާ ތޯމަސް ލެމާ ހޯދުމުގެ މަސަތްކަތް ފަށައިފި އެވެ.

ފްރާންސްގެ މޮނާކޯގައި މޮޅު ކުޅުމެއް ދައްކައި އެއިރު ދުނިޔޭގެ ކުޅިވަރު މީޑިއާތަކުގެ ސަމާލުކަން ހޯދި ލެމާ ސްޕެއިން އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. 52.7 މިލިއަން ޕައުންޑްގެ ފީ އަކަށް އެތްލެޓިކޯ އަށް ބަދަލު ވުމަށްފަހު 24 އަހަރުގެ ކުޅުންތެރިއާގެ ފަރާތުން ތަފާތު ކުޅުމެއް ފެންނާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި ނަމަވެސް ކަންތައްވީކީ އެހެންނެެއް ނޫނެވެ.

މި ސީޒަނުގައި އެތްލެޓިކޯ އަށް ލެމާ ކުޅެދިން އެއްވެސް ލީގް މެޗެއްގައި ލަނޑެއް ކާމިޔާބުކުރެވިފައިނުވާ އިރު އެޓީމުގެ ފުރަތަމަ އެގާރައިން ފަހަކަށް އައިސް އެއްވެސް ވަރަކަށް އޭނާ އަށް ފުރުސަތެއް ނުލިބެ އެވެ.

ލެމާގެ ފަރާތުން އުއްމީދުކުރި ވަރުގެ ކުޅުމެއް ނުފެންނާތީ އޭނާ ވިއްކާލުމުގެ ހިޔާލެެއް އެތްލެޓިކޯ އިން ގެންގުޅޭއިރު ވުލްވްސް އިން ލެމާ ގެންދަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރެން ފަށައިފަ އެވެ. އެގޮތުން ސްޕެއިންގެ މީޑިއާ އެއް ކަމަށްވާ މުންޑޯ ޑިޕޯޓިވޯގައި ބުނެފައިވާ ގޮތުން މި ސީޒަން ނިމެންދެން ލޯނު އެއްބަސްވުމެއްގެ ދަށުން ލެމާ އިންގްލަންޑަށް ބަދަލުވާ ގޮތަށް ނުވަތަ ރަނގަޅު އަގެއްގައި އޭނާ ވިއްކާލަން އެތްލެޓިކޯ އިން ހުރީ ތައްޔާރަށެވެ.

ވުލްވްސް އަކީ އެތްލެޓިކޯ މެޑްރިޑާއި ގާތް ގުޅުމެއް އޮންނަ ކްލަބެކެވެ. އެ ކްލަބުގައި މިހާރު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިއޭގޯ ޖޯޓާ އާއި ޖޯނީ އޮޓޯ އަކީ އެތްލެޓިކޯ އިން އިންގްލަންޑަށް ބަދަލުވި ކުޅުންތެރިންނެވެ. އޭޖެންޓް ޖޯޖް މެންޑިސްގެ އެހީތެރިކަމާއެކު ލެމާ ހޯދުމުގެ މަސަތްކަތް ވުލްވްސް އިން ފަށާފައިވާއިރު މި ކްލަބުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްމިދާ ހަފުތާ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަމަަން ހަލީމް

    ވުލްވްސް އަށް ޔޫރަޕާ ލީގް ކާމިޔާބު ކުރެވޭނެ ރަނގަޅު ޓްރާންސްފާއެއް