އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން ރެލިގޭޝަން ޒޯނުގައި އޮތް އެސްޓަން ވިލާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފި އެވެ.

އިތުބާރު ފޯވަޑް ސާޖިއޯ އަގުއެރޯގެ ހެޓްރިކަކާއެކު ސިޓީ އިން އެސްޓަން ވިލާ ބަލިކުރީ 6-1 އިންނެވެ. މި މޮޅާއެކު ސިޓީ ވަނީ ތާވަލުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ. ސިޓީ އަށް ދެ ވަނަ ލިބެނީ 47 ޕޮއިންޓާއެކު އެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ސައުތޭމްޓަން އަތުން ބަލިވި ލެސްޓާ ސިޓީ ތިން ވަނަ އަށް ވެއްޓިފައިވާ އިރު އެޓީމަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. ރޭ ސިޓީ އަތުން ބަލިވި އެސްޓަން ވިލާ އޮތީ 21 ޕޮއިންޓާއެކު 18 ވަނައިގަ އެވެ.

ވިލާ ޕާކުގައި ކުޅުނު މެޗުގައި ސިޓީން ޖެހި ފުރަތަމަ ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިޔާދު މަހްރޭޒް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެވިން ޑެބްރައިންގެ އެހީތެރިކަމާއެކު ސާޖިއޯ އަގުއެރޯ އާއި ގެބްރިއެލް ހެސުސް ޖެހި ލަނޑުތަކާއެކު ސިޓީން މި ހާފު ނިންމާލީ 4-0 އިން ކުރީގައި އޮވެ އެވެ.

ސިޓީގެ ފަސް ވަނަ ލަނޑު ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އަގުއެރޯ ކާމިޔާބުކުރި އިރު އާޖެންޓީނާ ފޯވަޑް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް މަހްރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މިއީ ޕްރިމިއާ ލީގުގައި އަގުއެރޯ ފުރިހަމަ ކުރި ރެކޯޑު 12 ވަނަ ހެޓްރިކެވެ. ކުރިން އޭނާ އައީ ޕްރިމިއާ ލީގް ލެޖެންޑު އަލަން ޝިއެރާ އާއެކު މި ރެކޯޑު ހިއްސާ ކުރަމުންނެވެ. ރޭގެ ތިން ލަނޑާއެކު އަގުއެރޯ ވަނީ އިނގިރޭސިވިލާތުން ބޭރު ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖަހައިގެން ފްރާންސްގެ ތިއެރީ ހެންރީ ހަދާފައިވާ ރެކޯޑު މުގުރާލާފަ އެވެ. އާސެނަލް އާއެކު ކާމިޔާބު އަހަރުތަކެއް ހޭދަކުރި ހެންރީ ލީގުގައި 175 ލަނޑު ޖެހި އިރު އަގުއެރޯ ވަނީ ރޭގެ ހެޓްރިކާއެކު 177 ލަނޑު ހަމަކޮށްފަ އެވެ.

ރޭގެ މެޗުގައި އެސްޓަން ވިލާ އަށް ސުންކަނޑުވައިދިނީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން އަންވަރް އަލްގާޒީ އެވެ.

ސިޓީ އަށް ދެން ކުރިއަށް އޮތީ އަންނަ ހޮނިހިރު ދުވަހު ކްރިސްޓަލް ޕަލަސް އާއި ދެކޮޅަށް އެތިހާދުގައި ކުޅެން އޮތް މެޗެވެ. ހަމަ އެ ދުވަހު އެސްޓަން ވިލާ ނުކުންނާނީ ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު