އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް ބަލިކުރުމަށްފަހު ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗު ސިފައިން ކާމިޔާބުކުރީ ފޯރިގަދަ ކުޅުމަކަށްފަހު 3-2 ސެޓުންނެވެ.

މެޗު ފަށައިގެން ފުރަތަމަ ސެޓުގައި ޕޮލިސް ކްލަބުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ޕޮލިހުގެ އަލީ ހުޒާމް (ހުޒަންޓެ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ މޮޅު ކުޅުމާއެކު މި ސެޓު ޕޮލިހުން ގެންދިޔައީ 25-13 ގެ ބޮޑު ލީޑަކާ އެކު އެވެ.

ފުރަތަމަ ސެޓު ގެއްލުމުން ސިފައިން ދެ ވަނަ ސެޓުގައި ކުރިއެރުންތަކެއް ހޯދި އިރު އެ ޓީމުން ވަނީ 27-29 އިން މި ސެޓު ކާމިޔާބުކޮށްފަ އެވެ. ތިން ވަނަ ސެޓުގައި ވެސް މޮޅު ކުޅުމެއް ދައްކައި ސިފައިން 22-25 އިން ސެޓު ގެންގޮސް ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލި އެވެ.

ހަތަރު ވަނަ ސެޓުގެ ފަހުކޮޅާ ހަމައަށް ސިފައިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ފަހު ވަގުތު ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި 25-22 އިން ޕޮލިސް ވަނީ މި ސެޓު ގެންގޮސް ނަތީޖާ ހަމަހަމަކޮށްފަ އެވެ. ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓުގައި ސިފައިން ވަރުގަދަކޮށް ފެނުނު އިރު އެ ޓީމުން މި ސެޓު ގެންދިޔައީ 13-15 އިންނެވެ.

ޕޮލިހުން ގައުމީ މުބާރާތަށް ނުކުތީ އެ ޓީމުގެ ކޯޗުގެ މަގާމަށް ބަދަލެއް ގެނެސްގެންނެވެ. ގައުމީ ލީގުގައި ޕޮލިހަށް އިރުޝާދު ދިން އަޝްރަފު އަލީ (އަސްރާ)ގެ ބަދަލުގައި ގައުމީ މުބާރާތުގައި ޕޮލިހަށް ކޯޗުކޮށްދިނީ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ. ފުރަަތަމަ ސެމީގައި ސިފައިން އަތުން ބަލިވުމުން ޕޮލިހުން ފައިނަލުގެ ފުރުސަތު ހޯދީ ތިން ވަނަ ސެމީގައި ގުޑީސް ސްޕޯޓްސް ކްލަބް އަތުން މޮޅުވެގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝަރަފްވެރިކޮށްދެއްވި ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ސިފައިން ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިއާ ލޯންގޭ އެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ސިފައިންގެ މުބައްޝިރު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ހަމަ އެ ޓީމުގެ އެޑަމް އެވެ.

ވޮލީގެ ފިރިހެން ޑިވިޝަނުގައި މިފަހަރު ބޭއްވި ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް ސިފައިންނެވެ. އެ ޓީމުން ގައުމީ ލީގު ކާމިޔާބުކުރީ ވެސް ޕޮލިހާ ވާދަކޮށް އެއް ޕޮއިންޓުގެ ފަރަގުން ކުރިހޯދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު