ފޭދޫ ސްޕޯޓްސް ބަލިކޮށް "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް"ގެ ތަށި ބޭރުމަތި ފުޓްބޯޅަ ކްލަބުން އުފުލާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އެ ސިޓީގައި ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ބޭރުމަތި ހޯދީ ފައިނަލް މެޗުގައި ފޭދޫ ސްޕޯޓްސްގެ މައްޗަށް 6-1 އިން ކުރިހޯދައިގެންނެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް ބޭރުމަތިންނެވެ. ފުރަތަމަ ހާފު ނިމެން ހަތަރު ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅުމެއް ދެއްކި މިރާހު މުހައްމަދު އެވެ. ފޭދޫ ސްޕޯޓްސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 61 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން އަލީ ލިރުއާމް (ލިރޯ) އެވެ.

ލިރޯގެ ހިތްގައިމު ލަނޑުން ފޭދޫ ސްޕޯޓްސް އަށް އުއްމީދު އާވި ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އިބްރާހިމް ސިރާޖު ވަނީ ބޭރުމައްޗަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. ބޭރުމަތިން ލީޑު ފުޅާކުރީ މެޗުގެ 79 ވަނަ މިނެޓްގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ލަނޑުންނެވެ. އޭގެ ފަހުން ކައިރި ކައިރީގައި ދެ ލަނޑު ޖަހައި ބޭރުމަތި ޓީމުގެ މިރާހު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ލިރޯ ފޭދޫ ސްޕޯޓްސް އަށް ފަރަގު ކުޑަކޮށް ދިން ނަމަވެސް އޭގެ މިނެޓެއް ފަހުން މުހައްމަދު މަމްނޫން ވަނީ ބޭރުމަތި ޓީމުގެ ހަ ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ބޭރުމަތި ޓީމުގެ މިރާހު އެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބޭރުމަތި ޓީމުގެ ކޯޗު އަހުމަދު ނަސީމްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ބޭރުމަތި ޓީމުގެ ހާޒިމް ފައުޒީ އެވެ.

މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ބޭރުމަތި ޓީމުގެ ކީޕަރު އަލީ ނާއިމް ހޮވުނު އިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ހަމަ އެ ޓީމުގެ މުހައްމަދު ސާޖިދެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ފޭދޫ ސްޕޯޓްސްގެ އަލީ ނާފިއު ހޮވުނުއިރު ފެއާ ޕްލޭ ކުޅުންތެރިއާގެ މަގާމު ހޯދީ ފޭދޫ ސްޕޯޓްސްގެ ކެޕްޓަން އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިއާ އަހުމަދު ސައީދު (އަންމަޓީ) އެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ބޭރުމަތި އެވެ.

މުބާރާތުގެ އެންމެ މޮޅު ފޯވަޑްގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމް ހޯދީ ފޭދޫ ސްޕޯޓްސްގެ އަލީ ލިރުއާމް (ލިރޯ) އެވެ. ލިރޯ ވަނީ މި މުބާރާތުގައި މުޅިއެކު 9 ލަނޑު ކާމިޔާބުކޮށްފައެވެ. 20 އަހަރުން ދަށުގެ އެންމެ މޮޅު ދެ ކުޅުންތެރިންނަށް ހޮވިފައިވަނީ ފޭދޫ ސްޕޯޓްސްގެ ސަޔަމް ސައީދުގެ އިތުރުން ގޯދިއްޔާ ޓީމުގެ އަބްދުﷲ ލަވްސަންއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބޭރުމައްޗަށް ފައިސާގެ އިނާމުގެ ގޮތުގައި 20،000 ރުފިޔާ ދިން އިރު ދެ ވަނަ ހޯދި ފޭދޫ ސްޕޯޓްސް އަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު