ފޯކައިދޫ ފުޓްބޯޅަ ކްލަބުގެ މައްޗަށް ކުރިހޯދައި މާޒިޔާ އިން ދިރާގު ދިވެހި ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނައިގައި އެ ޓީމުން ދަމަހައްޓަމުން އަންނަ ލީޑު އަނެއްކާވެސް ފުޅާކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގުގެ ފަހު ބުރުގެ ފުރަތަމަ މެޗު ފޯކައިދޫ އާއި ވާދަކޮށް މާޒިޔާ އިން ކާމިޔާބުކުރީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ އަށް 17 މެޗުން 44 ޕޮއިންޓް ވަނީ ލިބިފައެވެ. ދެވަނައިގައި އޮތް އީގަލްސް އަށް 16 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޓީސީ އަށް 16 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. މިއަދުގެ މެޗުން ބަލިވި އޮތް ފޯކައިދޫ ހަވަނައިގައި އޮތީ 16 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ.

މިއަދުގެ މެޗުގައި މާޒިޔާ އިން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އެވެ. މި ލަނޑު އިއްބެ ޖެހީ ފޯކައިދޫގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ބޯޅަ ފޯކައިދޫ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އޭގެ ކުރިން 11 ވަނަ މިނެޓުގައި މާޒިޔާ އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ހަމަލާ ދިޔައީ ފޯކައިދޫގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މާޒިޔާ އިން ފުރަތަމަ ހާފުގައި ފޯކައިދޫގެ ގޯލަށް ފުލު ފުލުގައި ނުރައްކާ ކުރި އިރު އެ ޓީމުން ދެ ވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިރުފާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ހަމްޕު އެވެ. ހަމްޕު ފޮނުވާލި ހަމަލާ އަމާޒުވީ ފޯކައިދޫ ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގެ ފުރަތަމަ ހާފު 2-0 ގެ ނަތީޖާ އަކުން މާޒިޔާ ކުރީގައި އޮވެގެން ނިމުނު އިރު ދެ ވަނަ ހާފު ވެސް އެޓީމުން ފެށީ ވަރުގަދަ ކޮށެވެ. މި ހާފުގެ ކުރީކޮޅު ބިދޭސީ ފޯވަޑް ކޮނޭލިއަސް ސްޓެވާޓް ވަނީ ކައިރި ކައިރީގައި ދެ ލަނޑު ޖަހައި މާޒިޔާގެ ލީޑު ފުޅާކޮށްދީފަ އެވެ.

ސްޓެވާޓުގެ ފުރަތަމަ ލަނޑު އަހްމަދު އަބްދުﷲ (ލިލީ)ގެ އެހީތެރިކަމާއެކު ކާމިޔާބުކުރި އިރު ދެ ވަނަ ލަނޑު ޖެހީ ހަމްޕު ދިން ބޯޅައެއްގަ އެވެ. ސްޓެވާޓްގެ ދެ ލަނޑުގެ ކުރިން ޕެނަލްޓީ އޭރިއާ ތެރެއިން މާޒިޔާގެ އިއްބެ ވަހީދު އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ފޯކައިދޫގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

ސްޓެވާޓް އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 81 ވަނަ މިނެޓުގައެވެ. އޭގެ ފަހުން މާޒިޔާ އިން މެޗުގައި ކާމިޔާބުކުރި ހަ ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ މުހައްމަދު އިރުފާން އެވެ. އިރޭ މި ލަނޑު ޖެހީ ހަމްޕު ނަގައިދިން ހުރަހަކުންނެވެ.

މާޒިޔާ އިން އެޓީމުގެ ހަތް ވަނަ ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގެ އިތުރު ވަގުތު ކޮޅުގެ ތެރޭގައެވެ. މާޒިޔާއާ އަލަށް ގުޅުނު މިޑްފީލްޑަރު އިބްރާހިމް އައިސަމް ދިން ބޯޅައެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ނިހާން (ނިހާޓު) އެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭއެވެ.