މިއަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭން ވާދަކުރާ އެއް ކްލަބު ކަމަށްވާ މާޒިޔާ އިން މުބާރާތަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ޑިފެންޑަރެއް ޓީމަށް ގެނެސްފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގް ލީޑު ކުރަމުން މާޒިޔާ އިން އެންމެ ފަހުން ސޮއި ހޯދި ކުޅުންތެރިއަކީ ސާބިއާ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ޕީޓަރ ޕްލަނިޗް އެވެ.

ޕީޓަރ އާ އެކު މާޒިޔާގައި މިހާރު ބިދޭސީ ހަތަރު ކުޅުންތެރިން އެބަތިއްބެވެ. އެއީ އަފްގާނިސްތާން ކީޕަރު އޮވޭސް އަޒީޒީ އާއި ސެއިން ވިންސެންޓް ފޯވަޑް ކޮނޭލިއަސް ސްޓެވާޓްގެ އިތުރުން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެޓީމާ އަލަށް ގުޅުނު އަފްގާނިސްތާން ޑިފެންޑަރު މުހައްމަދު ޝާރިފް އެވެ.

2005 ވަނަ އަހަރު ސީނިއާ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ފަށައި 2016 ވަނަ އަހަރާ ހަމައަށް ޕީޓަރ ވަނީ އެ ސާބިއާގެ ހަތަރު ކްލަބަކަށް ކުޅެފަ އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ޕީޓަރ ގުޅުނީ ލުބްނާނުގެ ނެޖްމޭ ސްޕޯޓްސް ކްލަބާ އެވެ. ޕީޓަރ ވަނީ އެ ކްލަބާއެކު އޭއެފްސީ ކަޕްގައި ކުޅެފަ އެވެ. ޕީޓަރ މިދިޔަ ދެ އަހަރު ކުޅެފައިވަނީ އިންޑޮނީޝިއާގެ ސުޕަ ލީގުގަ އެވެ.

މާޒިޔާ އާ އަލަށް ގުޅުނު ބިދޭސީ ކުޅުންތެރިންނާއެކު އެ ޓީމު ވަނީ އިތުރަށަ ވަރުގަދަ ވެގެންގޮސްފައެވެ. މާޒިޔާ ފެނުނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެންމެ ހަރަކާތްތެރި އެއް ކްލަބުގެ ގޮތުގަ އެވެ. އެ ޓީމުން ވަނީ މި ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހީމް އައިސަމްގެ ސޮއި ވެސް ހޯދައިފަ އެވެ. އައިސަމް މާޒިޔާ އަށް ބަދަލުވީ ތިން އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. މީގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުން އައި މުހައްމަދު ސާމިރު ވެސް ވަނީ ތިން އަހަރާއި ބައިގެ އެއްބަސްވުމެެއްގެ ދަށުން މާޒިޔާ އަށް ބަދަލުވެފަ އެވެ.

މާޒިޔާ އިން ޓީމު ވަރުގަދަކުރާ އެއް ސަބަބަކީ އޭއެފްސީ ކަޕަށް ތައްޔާރުވުމަށެވެ. އޭއޭފްސީ ކަޕް ކޮލިފައިންގައި އަންނަ މަހު ކުޅޭ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި މާޒިޔާ ނުކުންނާނީ ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާއާ ދެކޮޅަށެވެ. އަބަހާނީއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު އަންނަ މަހުގެ ފަސް ވަނަ ދުވަހު ޑާކާގައި ކުޅޭއިރު ދެ ވަނަ ލެގު މާލޭގައި އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ.

އަބަހާނީ އަތުން ދެ ލެގުގެ އެގްރިގޭޓުން މޮޅުވެއްޖެ ނަމަ ޕްލޭ އޮފް މެޗުގައި މާޒިޔާ ވާދަކުރަން ޖެހޭނެ ކަމަށް ބެލެވެނީ އިންޑިއާގެ ބެންގަލޫރު އެފްސީއާއެވެ. ބެންގަލޫރުން ވަނީ 2018 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ޓީސީ ބަލިކޮށްފަ އެވެ.