ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގައި ރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ދަ ގްރާންޑޭ އިން ކާމިޔާބުކުރީ 5-2 އިންނެވެ.

ރޭގެ މެޗުގައި ދަ ގްރާންޑޭގެ އިރާގު ފޯވާޑް އޮބައިދާ ކަދުމް އަހުމަދު ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. މެޗުގެ 14 ވަނަ މިނެޓުގައި ގްރީންގެ ކީޕަރު ހަސަން އަލީފް އިބްރާހީމް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އަޔާޒް އަހުމަދު ދިން ބޯޅައަކުން ދަ ގްރާންޑޭގެ ފުރަތަމަ ލަނޑު އޮބައިދާ ޖެހި އިރު އޭނާގެ ދެ ވަނަ ލަނޑު ފެނިގެންދިޔައީ 28 ވަނަ މިނެޓުގަ އެވެ. އޮބައިދާ މި ލަނޑު ޖެހީ ގާސިމް ސައްމާމް (ސައްމޭ) ނަގައިދިން ހުރަހަކުންނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ދަ ގްރާންޑޭ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތް ވަނަ މިނެޓުގައި އޮބައިދާ އޭނާގެ ހެޓްރިކް ފުރިހަމަކުރި އިރު 60 ވަނަ މިނެޓުގައި މުހައްމަދު ރަޝީދު (ހޮކޭ) ތަނަވަސަކޮށްދިން ފުރުސަތެއްގައި އޭނާ ވަނީ ހަތަރު ވަނަ ފަހަރަށް ގްރީންގެ ގޯލު ފޫއަޅުވާލާފަ އެވެ.

ގްރީނުން މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖެހީ 70 ވަނަ މިނެޓުގަ އެވެ. މުހައްމަދު އުމެއިރު ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ އަކުން މި ލަނޑު ޖެހީ މުހައްމަދު ރިސްވާން އެވެ. އޭގެ ނުވަ މިނެޓް ފަހުން ދަ ގްރާންޑޭ އިން ވަނީ ލަނޑެއް ޖަހައި، އަލުން ހަތަރު ލަނޑުގެ ލީޑެއް ހޯދައިފައެވެ. ސައްމޭގެ އެހީތެރިކަމާއެކު އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު އިމާޒް (އާއްކޮ) އެވެ.

އާއްކޮގެ ލަނޑުން ދަ ގްރާންޑޭ އިން ލީޑު ފުޅާކުރި ނަމަވެސް އިތުރު ވަގުތުގައި އަހުމަދު ރަޝީދު (އައްމަޑޭ) ވަނީ ލަނޑެއް ޖަހައި ގްރީން އަށް ފަރަގު ކުޑަކޮށްދީފަ އެވެ.

ރޭގެ މޮޅާއެކު ދަ ގްރާންޑޭ އަށް ވަނީ 17 މެޗުން 24 ޕޮއިންޓް ހޯދައި ގަދަ ހަތަރެއްގެ އުއްމީދު އާކޮށްފަ އެވެ. މެޗުން ބަލިވި ގްރީން ސްޓްރީޓްސް އޮތީ 26 ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ.

ލީގުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުގެ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ޗެމްޕިއަން ޓީސީ އެވެ.