އިންގްލަންޑުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ހޮވިއްޖެ އެވެ.

ހެންޑަސަން އަށް މި މަގާމް ލިބުނީ ދެ ވަނަ ހޯދި ޕްރިމިއާ ލީގް ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ފޯވަޑް ރަހީމް ސްޓާލިން އާއި ތިން ވަނަ އަށް ދިހަ ޓޮޓެންހަމްގެ ފޯވަޑް ހެރީ ކޭން ފަހަތަށް ޖައްސާލުމަށްފަހު އެވެ.

އުމުރުން 29 އަހަރުގެ ހެންޑަސަން ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން 2005 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޔޫރަޕްގެ އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތުގެ ތަށި ލިވަޕޫލުން އުފުލާލި އިރު ހެންޑަސަން ވަނީ އެ ޓީމުގެ މެދުރޭގައި މޮޅު ކުޅުމެއް ދައްކައިފައެވެ. ލިވަޕޫލުން ވަނީ ޔުއެފާ ސުޕަ ކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ވެސް މިދިޔަ ފަހަރު ހޯދައިފަ އެވެ.

ޔޫރަޕްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުމުގެ އިތުރަށް ލިވަޕޫލާއެކު ހެންޑަސަން ވަނީ ލީގުގައި ވެސް ތަފާތު ދައްކައިފަ އެވެ. އެ ޓީމުން މިދިޔަ ފަހަރު ލީގުގައި 97 ޕޮއިންޓް ހޯދި ނަމަވެސް ޕޮއިންޓެއްގެ ފަރަގަކުން ތަށި ގެންދިޔައީ ސިޓީ އިންނެވެ.

ހެންޑަސަންގެ ފަހަތުން ދެ ވަނަ ހޯދި ސްޓާލިން ވަނީ ސިޓީ އާއެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ކަރަބާއު ކަޕްގެ ޗެމްޕިއަންކަން މިދިޔަ ސީޒަނުގައި ހޯދައިފަ އެވެ. ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސްޓާލިންގް ވަނީ މިދިޔަ ސީޒަނުގައި މުޅިއެކު 35 ލަނޑު ޖަހައި އިތުރު 14 ލަނޑު ތަނަވަސްކޮށްފަ އެވެ.

އިންގްލަންޑުގެ މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑު ޙާސިލްކުރީ ލޫސީ ބްރޮންޒް އެވެ. މިއީ އޭނާ މި އެވޯޑު ހޯދި ދެ ވަނަ ފަހަރެވެ. ބްރޮންޒް މިފަހަރުގެ އެވޯޑު ގެންދިޔައީ އެލެން ވައިޓް އާއި ބެތް މީޑް ފަހަތަށް ޖައްސާލުމަށްފަހު އެވެ. ބްރޮންޒް ވަނީ މިދިޔަ ސީޒަނުގައި އޭނާ ކުޅެމުން އަންނަ ފްރާންސްގެ ލިޔޯން އާއެކު ވިމެންސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން އިންގްލަންޑާއެކު މިދިޔަ އަހަރު އޮތް ފީފާ ވިމެންސް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.