2021 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތް އަހަރުގެ ފެށޭ ކޮޅު ބާއްވަން ނިންމައިފި އެވެ.

އެފްރިކާ ބައްރުގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އެންމެ ކުރިން ބާއްވަމުން އައީ އަހަރުގެ ފެށޭ ކޮޅު އެވެ. ނަމަވެސް ފަހުން ދުނިޔޭގެ އެހެނިހެން ބޮޑެތި ފުޓްބޯޅަ މުބާރާތްތައް ބާއްވަމުންދާ އުސޫލަށް ބަދަލުކޮށް އޭގެ ފަހުން އެ މުބާރާތް ބާއްވަމުން އައީ އަހަރުގެ މެދުތެރޭގަ އެވެ. ނަމަވެސް 2021 ވަނަ އަހަރުގެ މުބާރާތް އޮންނަ ކެމަރޫން އަށް ޖޫން/ޖުލައި މަހަކީ އެ ގައުމުގެ މޫސުން އާންމު ގޮތެއްގައި ގޯސް ދުވަސްވަރަކަށް ވާތީ މުބާރާތް ޖެނުއަރީ މަހުގައި ބާއްވަން އެފްރިކާގެ ފުޓްބޯޅަ އާއި ބެހޭ މައި އިދާރާ ކަމަށްވާ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) އިން ވަނީ ނިންމައިފަ އެވެ.

ސީއޭއެފް އާއި ކެމަރޫންގެ ފުޓްބޯޅަ އިދާރާ އާއި ދެމެދު ދާދިފަހުން ބޭއްވުނު މަޝްވަރާތަކަށް ފަހު އެފްރިކަން ކަޕް އޮފް ނޭޝަންސް 2021ގެ ޖެނުއަރީ މަހު ބާއްވަން ނިންމުމުން އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ކްލަބުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ. އެގޮތުން ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބުތަކުގައި އެފްރިކާ އަށް ނިސްބަތްވާ މަޝްހޫރު ކުޅުންތެރިން ހިމެނޭތީ ޖެނުއަރީ މަހު ގައުމީ ޓީމަށްޓަކައި ކްލަބުން ރިލީޒް ހޯދަން ޖެހުމުގެ ސަބަބުން އެ ކުޅުންތެރިންނަށް ކްލަބު މެޗުތައް ގިނަ އަދަދަކަށް ގެއްލިގެންދާނެ އެވެ.

އެގޮތުން ލިވަޕޫލްގެ ފުރަތަމަ އެގާރައިގައި ހިމެނޭ މުހިންމު ކުޅުންތެރިން ކަމަށްވާ ސެނެގަލް ފޯވަޑް ސާދިއޯ މާނޭ އާއި މިސްރުގެ ފޯވަޑް މުހައްމަދު ސަލާހު އަށް ގިނަ މެޗުތަކެއް ގެއްލިގެންދާނެ އެވެ. ލިވަޕޫލްގެ އިތުރުން އާސެނަލް އިން ވެސް މުހިއްމު ދެ ކުޅުންތެރިން ޖެނުއަރީ މަހު ގައުމީ ޓީމަށް ކުޅެން ކްލަބާ ވަކިވާނެ އެވެ. އެއީ ގެބޮން ފޯވަޑް ޕިއެރޭ އެމެރިކް އޮބާމެޔާންގް އާއި އައިވޮރީ ކޮސްޓުގެ ފޯވަޑް ނިކޮލަސް ޕެޕޭ އެވެ.