އަމާޒަކީ ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕަށް ރާއްޖެ ކޮލިފައިކޮށްދިނުން ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިންގްލެންޑުގެ ޖުދާން އަލީ ބުނެފި އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް އިނގިރޭސިވިލާތުގެ ކުރީގެ ކުޅުންތެރިއާ ޖުދާން އަލީ ހަމަޖައްސައިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ. ޖުދާންއާ އެ މަސްއޫލިއްޔަތު ހަވާލުވީ ކުރިން އެ މަގާމުގައި ހުރި އިހުސާން އަބްދުއްޣަނީ (ސާންތީ) މަގާމުން އިސްތިއުފާ ދިނުމުންނެވެ. މަގާމާއި ހަވާލުވުމަށްފަހު ޖުދާން ވަނީ ދިވެހި ފުޓުބޯޅަ ކުރިއަރުވަން ގިނަ ޕްލޭންތަކެއް އެފްއޭއެމް އިން ރާވާނެ ކަމަށާއި އޭނާގެ މައިގަނޑު ބޭނުމަކީ ޒުވާން ކުޅުންތެރިން ބިނާ ކޮށް ދިވެހި ފުޓުބޯޅަ ކުރިއެރުވުމުގެ ދަށުން ދިވެހި ލީގު ވަރުގަދަ ކުރުން ކަމަށް ބުނެފަ އެވެ.

ޔުއެފާ އޭ ލައިސެންސް ހާސިލު ކޮށްފައިވާ ޖުދާން ވަނީ ދާދި ފަހުން އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ "ދަ ސަން" އަށް ޙާއްސަ އިންޓަވިއުއެއް ދީފަ އެވެ. އެ އިންޓަވިއުގައި ރާއްޖޭގެ ފުޓްބޯޅަ އާއި ބެހޭގޮތުން ގިނަ ވާހަކަތަކެއް ޖުދާން މީޑިއާ އާއި ހިއްސާކުރި އިރު އޭނާ ބުނީ ރަނގަޅަށް ޕްލޭން ކުރެވިގެން ރާއްޖޭގެ ފުޓްބޯޅަ މަތީ ހަރުފަތަކަށް ގެންދެވިދާނެ ކަމަށާއި ކުރިއަށް އޮތް ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ރާއްޖެ އަށް ވަކި ނުވާނެ ކަމެއް ނޫން ކަމަށެވެ. ޖުދާން ބުނީ މަސަތްކަތް ފަށައިގަތުމަށް އޭނާ އަށް ފުރަތަމަ ކުރަން ޖެހިފައި އޮތީ ކުރިން ގައުމީ ކޯޗަކަށް ހުރި ޕީޓާ ސެގާޓުގެ ބަދަލުގައި އާ ކޯޗެއް ހޯދުން ކަމަށެވެ.

'' އަހަރެން އެންމެ ފުރަތަމަ ކުރަން ޖެހޭ މަސައްކަތަކީ ސީނިއާ ޓީމަށް ކޯޗެއް ހޯދުން، އެއީ މިހާރުގެ ކޯޗުގެ ކޮންޓްރެކްޓް މާޗު މަހު ހަމަވާތީ. އަހަރެމެން ބޭނުން ވަނީ އަންނަ މާޗް މަހު ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗަށް ކުޅުންތެރިން މޯޓިވޭޓް ކޮށްގެން ނެރެވޭނެ ފެންވަރު ހުރި ކޯޗެއް. އެ މެޗުން މޮޅުވެއްޖެއްޔާ ދެން ކޮންމެ ކަމެއްވެސް ވެދާނެ، '' ޖުދާން ބުންޏެވެ.

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަށް ދެން ކުރިއަށް އޮތީ ގްރޫޕުގެ އެންމެ ކުރީގައި އޮތް ތިން ޓީމު ކަމަށްވާ ސީރިއާ، ޗައިނާ އަދި ފިލިޕީންސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗުތަކެވެ. ޖުދާން ބުނީ އެ މެޗުތަކުން މޮޅުވެއްޖެ ނަމަ ރާއްޖެ ވޯލްޑް ކަޕަށް ކޮލިފައިވާނެ ކަމަށާއި އެއީ ރަނގަޅު ފެށުމަކަށް ވާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި އަލަށް ހުޅުވާ ފުޓްބޯޅަ ޑިވެލޮޕްމަންޓް ސްކޫލަށް އިޝާރާތްކޮށް އޭނާ ބުނީ އެފަދަ ސްކޫލްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިއްޖެ ނަމަ މުސްތަގްބަލުގައި ރާއްޖެ އަކީ ފުޓްބޯޅައިގައި ގަދަ ބާރަކަށްވުން ވެސް ކައިރި ކަމަށެވެ.

'' ރާއްޖެ އަށް ޗައިނާ، ސީރިއާ އަދި ފިލިޕީންސް ބަލި ކުރެވިއްޖެއްޔާ އަހަރެމެންނަށް ވޯލްޑް ކަޕަށް ކޮލިފައި ވެވޭނެ، އެއީ ރަނގަޅު ފެށުމަކަށް ވާނެ. އަހަރެން މިދިޔަ ހަތަރު، ފަސް އަހަރުގެ ތެރޭ ރާއްޖޭގެ ކުޅުންތެރިން ވަރަށް މޮނިޓާކޮށްފިން. ޓެކްނިކަލީ ހުނަރުވެރި، ސްޕެނިޝް ސްޓައިލެއް މި ކުޅުންތެރިންގެ ކިބައިގައި ހުރޭ. ފުޓްބޯޅަ މި ހުންނަނީ މި ކުދިންނާއި ގުޅިލާމެހިފައި. މިހާރު ވެސް 100 ކުދިންގެ ޖާގައިގެ ޑިވެލޮޕްމަންޓް ސެންޓަރެއް މާޗު މަހު ތެރޭ ހުޅުވުމުގެ މަސަތްކަތް އެބަކުރޭ. މި ސެންޓަރުގައި ކުދިންގެ ފުޓްބޯޅައިގެ ހުނަރު ބިނާކޮށް ހުރިހާ ކަމެއް ކުރާނެ. މިކަހަލަ އަށެއްކަތަން މުޅި ރާއްޖޭގައި ހުޅުވިއްޖެއްޔާ ކާކަށް އެނގޭނީ ފަހެއް ނުވަތަ ހަ އަހަރު ފަހުން ވާނެ ގޮތެއް. ދާދި ފަހުން ރާއްޖެ އަށް ޒިޔާރަތް ކުރި ޔާޔާ ޓޫރޭ ވެސް ހުރީ ހައިރާންވެފައި ދިވެހިންގެ ފުޓްބޯޅައިގެ ސަގާފަތު އޮންނަ ގޮތުން، '' ޖުދާން ބުންޏެވެ.

ކޮންމެ ގޮތެއްވިޔަސް ޖުދާންގެ ވާހަކަތައް ވަރަށް ފޮންޏެވެ. އެފްއޭއެމްގެ އިސް މަގާމެއްގައި ހުރި ފަރާތެއް ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ދުރު ރާސްތާ ޕްލޭނެއްގެ ދަށުން މަސަތްކަތް ކުރަމުންދާކަމީ މި ގައުމުގެ އިނދަޖެހިފައިވާ ފުޓްބޯޅައިގެ ފެންވަރު އަލުން ކޮޅަށް ޖެހުމަށް އެޅިގެންދިޔަ ރަނގަޅު ފިޔަވަޅެކެވެ.

ޖުދާން އަކީ ދުނިޔޭގެ އެންމެ ބޮޑެތި ކްލަބުތަކުގެ ތެރޭގައި ހިމެނޭ ސްޕެއިންގެ އެފްސީ ބާސެލޯނާގެ އެކަޑަމީ ކަމަށްވާ ލާމޭސިއާގައި 10 އަހަރު މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމުން އޭނާގެ ތަޖުރިބާގެ އަލީގައި މި ގައުމުގެ ފުޓްބޯޅަ އަށް ރަނގަޅު ގޮތްތަކެއް ވާނެ ކަމީ ދިވެހި އެންމެހާ ސަޕޯޓަރުންގެ އުއްމީދެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ކަމަށް ޖުދާން ހަމަޖެއްސީ ކިހާ ދުވަހެއްގެ މުއްދަތަކަށް ކަމެއް އެފްއޭއެމުން އިއުލާން ކޮށްފައި ނުވި ނަމަވެސް ދަ ސަން ނޫހުގައި ބުނެފައި ވަނީ އޭނާ ހަމަޖައްސާފައިވަނީ 10 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަވާދުލީ.ބިސް

    ކޮލިފައިއެއްވެސް ނޫން ވާނީ. ފޮޑި ޖެހޭނީ ކަލޭމެނަށް!
    ދުވަހަކުވެސް ރާއްޖެ އަކަށް ވޯލްޑް ކަޕަށް ބައިވެރި ނުވެވޭނެ. އިންޕޮސިބަލް!
    އުއްމީދު ކަނޑާލާ! ނުވާނެ ތިކަމެއް

    15
    7
  2. ާއަހުމަދު

    ކޮލިފައިންގައި ބައިވެރިވާނެޓީމެއް ނެތިއްޔާ ފަހަރެއްގަ ވެދާނެ

    15
    2
  3. ިޔަމި

    މޮޅުވެއްޖެއް ޔާ ކޮލިފައި ވާނެކަން ނޭންގޭނީ ކާކައް؟

  4. މުއްތު

    ދެން ރާއްޖެކުޅޭނީ ވޯލްޑްކަޕް މަރުހަބާ އެފްއޭއެމް