ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގައި ރޭ އީގަލްސްގެ މައްޗަށް ޓީސީ ސްޕޯޓްސް ކްލަބުން ބަދަލު ހިފައިފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ޓީސީން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މި މެޗަކީ ތިން ވަނަ ބުރުގައި މި ދެޓީމުން ވެސް ކުޅުނު ފުރަތަމަ މެޗެވެ. އީގަލްސް އިން މި މެޗާ ކުރިމަތިލީ ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި މިދިޔާ އާދީއްތަ ދުވަހު 3-0 އިން ޓީސީ ބަލިކުރުމަށްފަހު އެވެ.

ރޭގެ މޮޅާއެކު 17 މެޗުން ލިބުނު 31 ޕޮއިންޓާއެކު ލީގުގެ ތިން ވަނައިގައި ޓީސީ އޮތްއިރު ދެ ވަނައިގައި އޮތް އީގަލްސް އަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި އޮތީ 44 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ.

ރޭގެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން އީގަލްސްގެ ތިން ކުޅުންތެރިއަކު ނުކުޅެ އެވެ. އެއީ އަބްދުﷲ ސަމީހު މޫސާ އާއި ޖަޕާން މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯގެ އިތުރުން ދާދި ފަހުން އެ ޓީމާއި ގުޅުނު ފަރުހާދު އިސްމާއީލް (ފަރޭ) އެވެ. ޓީސީން މިރޭ ނެރުނު ފުރަތަމަ އެގާރައިގައި ސަސްޕެންޝަނަށް ފަހު އެނބުރި އައި އަލީ ޝާމިސް (ތޮއްޕޭ) ވަނީ ހިމަނައިފަ އެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޓީސީ ކުޅުނު އިރު ފުރަތަމަ ހާފުގައި ޓީސީން އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ތޮއްޕޭ ނަގައިދިން ހުރަސް ދަގަނޑޭ ބޮލުން ޖެހުމުން މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު ސުޖަން ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ދަގަނޑޭ ފޮނުވާލި އިތުރު ހަމަލާއެއްގެ ހުރަހަކަށްވީ އީގަލްސްގެ ޑިފެންޑަރެކެވެ. މި ހާފުގައި އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހިލޭ ޖެހުން ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

މެޗުގައި ޓީސީން ލީޑު ނެގީ 77 ވަނަ މިނެޓުގައި އިސްމާއީލް އީސާ (މެސީ) ޖަހައިދިން ލަނޑުންނެވެ. އޭރިޔާ ތެރެއިން ސައްޓު ފޮނުވާލި ބޯޅަ ކީޕަރު ސުޖަން އަތުގައި ޖެހި ރީބައުންޑުގައި ނުކުތް ވަގުތު މެސީ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. މިއީ ލީގުގެ ދެ ވަނަ ބުރުގެ ކުޅުން ފެށުނު ފަހުން މެސީ ކާމިޔާބުކުރި 8 ވަނަ ލަނޑެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ މެސީ އެވެ.

ލީގުގެ މެޗެއް ދެން ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭ އެވެ. އެ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.