އެފްރިކާ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅޭ ތާރީހަށް ބަދަލު ގެނައުމާ ގުޅިގެން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ރޭ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އެންފީލްޑުގައި ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކްލޮޕް ބުނީ އެފްރިކަން ކަޕަކީ އޭނާ ވަރަށް ޝައުގުވެރިކަމާއެކު ބަލަމުންދިޔަ މުބާރާތެއް ކަމަށާއި ސީޒަނެއްގެ މެދުތެރެއިން މި މުބާރާތް ބާއްވަން ނިންމުމުން އެކަމުގެ ގެއްލުން ކްލަބުތަކާއި ކުޅުންތެރިންނަށް ވެސް ކުރިމަތިވާނެ ކަމަށެވެ.

" އަހަރެން މީގެ ކުރިން ވަރަށް ބަލަން މި މުބާރާތް. ވަރަށް ޝައުގުވެރި މުބާރާތެއް މިއީ. ކަމާއި ބެހޭ ފަރާތްތަކުން އެ ގެނައި ބަދަލާއެކު ކުޅުންތެރިންނާއި ކްލަބްތަކަށް ވެސް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިވާނެ. އަހަންނަށް އިނގޭ އެމީހުން މި ބަދަލު ގެނައީ މުބާރާތް ބާއްވަން ނިންމާފައިވާ ގައުމަށް ޖޫން/ ޖުލައި މަހަކީ މޫސުން ރަނގަޅު ދުވަސްވަރަކަށް ނުވާތީ ކަން. އެކަމަކު ވެސް ޖެނެރަލް ގޮތެއްގައި މިއީ ހަގީގަތުގައި އެންމެނަށްވެސް ގެއްލުން ދައްކާނެ ކަމެއް. މިސާލަކަށް އަހަރެމެން ވަކި ކުޅުންތެރިއަކު ދޫށެއް ނުލާނަމޭ ބުނީމާ މިވާ އެއްޗަކީ އެ ކުޅުންތެރިއަކު ސަސްޕެންޑް މި ވަނީ. އަނެއްކޮޅުން ކުޅުންތެރިން ގިނަ ދުވަހަށް ދޫކޮށްލަން ޖެހިގެން ބަދަލުގައި އާ ކުޅުންތެރިއަކު ގަތުން ވެސް މިއީ އެހާ ފަސޭހަ ކަމެއް ނޫން، " ކްލޮޕް ބުންޏެވެ.

މީގެ ކުރިން އަހަރުގެ ފެށޭ ކޮޅު އެފްރިކަން ކަޕް އޮފް ނޭޝަންސް ބާއްވަމުން އައި ނަމަވެސް މިދިޔަ އަހަރު އެ މުބާރާތް ބާއްވައިފައިވަނީ ޖޫން/ ޖުލައި މަހުގަ އެވެ. އެފްރިކާގެ ފުޓްބޯޅަ އާއި ބެހޭ މައި އިދާރާ ކަމަށްވާ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) އިން އަނެއްކާވެސް ޝެޑިއުލް ބަދަލު ކުރަން ނިންމީ 2021 ވަނަ އަހަރުގެ މުބާރާތް އޮންނަ ކެމަރޫން އަށް ޖޫން/ޖުލައި މަހަކީ އެ ގައުމުގެ މޫސުން އާންމު ގޮތެއްގައި ގޯސް ދުވަސްވަރަކަށް ވާތީ ކަމަށް ބުނެ އެވެ.

ސީއޭއެފްގެ މި ނިންމުމާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބުތަކުގައި އެފްރިކާ އަށް ނިސްބަތްވާ މަޝްހޫރު ކުޅުންތެރިން ހިމެނޭތީ ޖެނުއަރީ މަހު ގައުމީ ޓީމަށްޓަކައި ކްލަބުން ރިލީޒް ހޯދަން ޖެހުމުގެ ސަބަބުން އެ ކުޅުންތެރިންނަށް ކްލަބު މެޗުތައް ގިނަ އަދަދަކަށް ގެއްލިގެންދާނެ އެވެ.

އެގޮތުން ލިވަޕޫލްގެ ފުރަތަމަ އެގާރައިގައި ހިމެނޭ މުހިންމު ކުޅުންތެރިން ކަމަށްވާ ސެނެގަލް ފޯވަޑް ސާދިއޯ މާނޭ އާއި މިސްރުގެ ފޯވަޑް މުހައްމަދު ސަލާހު އަށް ގިނަ މެޗުތަކެއް ގެއްލިގެންދާނެ އެވެ. ލިވަޕޫލްގެ އިތުރުން އާސެނަލް އިން ވެސް މުހިއްމު ދެ ކުޅުންތެރިން ޖެނުއަރީ މަހު ގައުމީ ޓީމަށް ކުޅެން ކްލަބާ ވަކިވާނެ އެވެ. އެއީ ގެބޮން ފޯވަޑް ޕިއެރޭ އެމެރިކް އޮބާމެޔާންގް އާއި އައިވޮރީ ކޮސްޓުގެ ފޯވަޑް ނިކޮލަސް ޕެޕޭ އެވެ.