ސެވިއްޔާ ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގް ތާވަލުގެ އެންމެ ކުރިއަށް ޖެހިލި އިރު އެއިބާ އިން އެތްލެޓިކޯ މެޑްރިޑު ބަލިކޮށްފި އެވެ.

ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ ސެވިއްޔާ އަތުން ރެއާލް މޮޅުވީ 2-1 އިންނެވެ. މި މޮޅާއެކު ރެއާލް ވަނީ 43 ޕޮއިންޓާއެކު ބާސެލޯނާ ފަހަތަށް ޖައްސާލައި ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ދެވަނައިގައި ބާސާ އޮތީ 40 ޕޮއިންޓާއެކު އެވެ. މިރޭ ކޭމްޕް ނޫގައި ގްރަނާޑާގެ މައްޗަށް ކުރިހޯދައިގެން އަލުން އެއް ވަނަ އަށް އެރުމުގެ ފުރުސަތު ބާސާ އަށް އެބައޮތެވެ. ރޭގެ މެޗުން ބަލިވި ސެވިއްޔާ އޮތީ 35 ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ.

ސެންޓިއާގޯ ބާނެބެއުގައި ކުޅުނު މެޗުގެ 57 ވަނަ މިނެޓުގައި ލޫކާ ޖޮވިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ކަސެމީރޯ ރެއާލަށް ކުރިހޯދައިދީފައި ވަނިކޮށް ސެވިއްޔާ އަށް ނަތީޖާ އެއްވަރުކޮށް ދިނީ 64 ވަނަ މިނެޓުގައި ލޫކް ޑިޔޮންގް އެވެ. ރެއާލް މެޗުން ތިން ޕޮއިންޓް ކަށަވަރު ކުރީ 69 ވަނަ މިނެޓުގައި ކަސެމީރޯ ދެ ވަނަ ފަހަރަށް ސެވިއްޔާގެ ގޯލު ފޫއަޅުވާލުމުންނެވެ.

ރެއާލް މޮޅުވި އިރު އެތްލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި އެއިބާ އަތުން 2-0 އިން ބަލިވެފަ އެވެ. އެއިބާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އެސްޓެބާން ބުރްގޮސް އާއި އެޑޫ އެޒްޕޮސީޓޯ އެވެ. އެތްލެޓިކޯ އޮތީ 35 ޕޮއިންޓާއެކު ތިން ވަނައިގަ އެވެ. އެއިބާ އޮތީ 22 ޕޮއިންޓާއެކު ސޯޅަ ވަނައިގަ އެވެ.