ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޕީއެސްޖީ އާއި ބައްދަލުކުރި މެޗުން 1-3 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑު ނެގީ ޕީއެސްޖީ އިންނެވެ. މި ގޯލު މެޗުގެ 33 ވަނަ މިނެޓްގައި ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ އެޑްރިއެން ރަބިއޯއެވެ.

މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ކަވާނީ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ރެއާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ރެއާލްގެ ކުޅުންތެރިއަކު ވަނީ ދިފާއުކޮށްފައެވެ.

ޕީއެސްޖީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެން ދަނިކޮށް އެ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލަކީ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ރެއާލް އަށް ކާމިޔާބުކޮށްދިން 100 ވަނަ ގޯލެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޕީއެސްޖީ އިންނެވެ. ނަމަވެސް ގޯލުޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ޕީއެސްޖީ އަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މި ހާފުގައި ރެއާލް އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް މެޗުގެ 83 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ އެޓީމަށް މެޗުގެ ލީޑު ނަގާދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން އެސެންސިއޯ ދިން ޕާހަކުން މާސެލޯ ވަނީ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗު ނިމުމުގެ ކުރިން ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތެއް ޕީއެސްޖީ އަށް ވެސް ލިބުނެވެ. ނަމަވެސް އެމްބާޕޭ ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ނަވާސް ދިފާއުކުރިއިރު ނޭމާ ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

ރޭގެ މޮޅާ އެކު މުބާރާތުގެ ކުއާޓާފައިނަލާއި ގާތަށް ރެއާލް އިން ޖެހިލާފައިވާއިރު ފާއިތުވި ދެ އަހަރު ވެސް މި މުބާރާތް ކާމިޔާބުކޮށްފައިވަނީ އެޓީމުންނެވެ.

ރެއާލް އާއި ޕީއެސްޖީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޯހަލާކު

    މުޅި މެޗަށް ބަލާއި ގިނައިރު ބޯޅަ ގެންގުޅިފަ ވަނީ ރެއާލް އިން އެއީ %51 އަދި އޮން ޓާގެޓައް 8 ސޮޓް ޕީއެސްޖީ އަށް 4 ސޮޓް ރޮނާލްޑޯ އަށް ލިބުނު ހުސް ފުރުސަތު ވެސް ފާހަގަ ކޮށްލަން

  2. އަލީ

    ނަންވާނީ އެހެން ކްލަބްތައް..ރެފްރީހުރީ ރޭގަކޯޗެއްބޮއިފަބާ؟
    ރިއާލްގެ ކުޅުންތެރިއަކު ޑައިވްކުރިޔަސް އިދިކޮޅުމީހާއަށް ރީނދޫކާޑު...

  3. ޕޮގުބާ

    ކޮބާ ބާސާގެ ސަޕޯޓރން ރެއާލްމެޑްރިޑް އޭ ބުންޏަސް ކުލަބުތަށް ޖެހިލުންވެ ސަބަބް ޗެންޕިއަސްލީގުގެ އެންމެބޮޑްރިކޯޑް

  4. ޕެލޭ

    މިތިބީ ބާސާ ސަޕޯޓަރުން އާދެބަލަ މެސީގެ ފެންވަރު ދައްކާލާނަން ...