ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު އީގަލްސް އިން ށ. ފޯކައިދޫ ފުޓްބޯޅަ ޓީމު ކޮޅަށް ހަތް ލަނޑު ޖަހައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު އީގަލްސް އިން ކާމިޔާބުކުރީ 7-0 އިންނެވެ. މި މޮޅާއެކު އީގަލްސް ވަނީ 17 މެޗުން 36 ޕޮއިންޓް ހަމަކޮށް ތާވަލުގެ ދެވަނައިގައި ލީޑު ފުޅާކޮށްފަ އެވެ. ލީގުގައި ރޭ ކުޅުނު މެޗުގައި މާޒިޔާ އިން ވަނީ ފަސޭހަކަމާއެކު ގްރީން ސްޓްރީޓްސް ބަލިކޮށް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. މާޒިޔާ އަށް ޗެމްޕިއަންކަން ލިބުނީ 18 މެޗުން 47 ޕޮއިންޓް ހަމަކުރުމުން އެ ޓީމާއި އެންމެ ގާތުގައި އޮތް ކްލަބް އީގަލްސް އަށް ދެން އެ އަދަދު ހަމަކުރެވޭނެ ގޮތެއް ނެތުމުންނެވެ.

މިއަދުގެ މެޗުގައި އީގަލްސް އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އަހުމަދު ރިޒުވާން (ރިޒޭ) އެވެ. އޭގެ ފަހުން ލީޑު ފުޅާކުރަން ލިބުނު ހުސް ދެ ފުރުސަތެއް ރިޒޭ ބޭކާރު ކުރި ނަމަވެސް މެޗުގެ 24 ވަނަ މިނިޓްގައި އޭނާ ވަނީ ދެވަނަ ލަނޑު ޖަހައި އީގަލްސްގެ ލީޑު ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފު މި ނަތީޖާގައި އޮވެ ނިމުނު އިރު ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ފުރަތަމަ މިނެޓުގައި ރިޒޭ ވަނީ ތިން ވަނަ ފަހަރަށް ފޯކައިދޫގެ ގޯލު ފޫއަޅުވާލައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އޭގެ އަށް މިނިޓް ފަހުން ރިޒޭ ކާމިޔާބުކުރި ހަތަރު ވަނަ ލަނޑާއެކު އޭނާ މި ސީޒަނުގައި ޖެހި ލީގު ލަނޑުގެ އަދަދު ވަނީ 23 އަށް އަރައިފައެވެ. ދިވެހި ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ ވެސް ރިޒޭ އެވެ.

އީގަލްސްގެ ފަސް ވަނަ ލަނޑާއި ހަ ވަނަ ލަނޑު ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ޒައިން ޒަފަރު ކާމިޔާބުކުރިއިރު ހަތް ވަނަ ލަނޑު ޖެހީ ޖަޕާނު ފޯވަޑް ޓޮޝީކީ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ޓީސީ އޮތީ 17 މެޗުން 31 ޕޮއިންޓް ހޯދައިގެން ތާވަލުގެ ތިން ވަނައިގައެވެ. ދަ ގްރާންޑޭ އޮތީ 17 މެޗުން 24 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.