ލާޔާ ސްޕޯޓްސް އެކަޑަމީގެ ފަރާތުން ގދ. ގައްދޫއަށް ހޭންޑް ބޯލް ތަޢާރަފް ކުރުމުގެ ގޮތުން، ހޭންޑް ބޯލް ކޯޗިން ކޯހެއް އެ ރަށުގައި މިއަދު ފަށައިފިއެވެ.

ހޭންޑް ބޯލް މޯލްޑިވްސް އާއި ގުޅިގެން ލާޔާ ސްޕޯޓްސް އެކަޑަމީން ގައްދޫ ފުޓްސަލް ދަނޑުގައި ބާއްވާ މި ކޯޗިން ކޯހުގައި 41 މީހުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ގދ އަތޮޅުގެ ތިން ރަށަކުންވެސް ތިން މީހުން ވަނީ ބައިވެރިވެފައެވެ.

މި ކޯސް ކުރިއަށްދާނީ 20 ޖެނުއަރީ އިން 26 ޖެނުއަރީގެ ނިޔަލަށެވެ. މި ކޯސް ފެށުމުގެ ގޮތުން މިއަދު ވަނީ އެ ރަށުގައި ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. އެގޮތުން، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ގދ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އެވެ.

ލާޔާ ސްޕޯޓްސް އެކަޑަމީއަކީ، ކުޅިވަރުގެ ދާއިރާއިން ގައްދޫގައި ހުނަރުވެރި ޒުވާނުން އުފެއްދުމުގެ މަޤުޞަދުގައި އުފައްދާފައިވާ އެކަޑަމީއެކެވެ.

ލާޔާ ސްޕޯޓްސް އެކަޑަމީން ބާއްވާ ކޯޗިން ކޯހުގެ ތެރެއިން ---

މި އެކަޑަމީގެ ހަރަކާތްތަކާއި ގުޅިގެން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން މި އެކަޑަމީގެ ރައީސް އަޙުމަދު ފަހީމް ވިދާޅުވީ، މި އެކަޑަމީގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ އެކިއެކި ޕްރޮގްރާމު ތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިއަހަރުގެ ފެބްރުއަރީ މަހު ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން، ފުޓުބޯޅަ، ހޭންޑް ބޯޅަ، އަދި އެތްލެޓިކްސް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިއަންނަ ފެބްރުއަރީ މަސް ތެރޭގައި އަޅުގަނޑުމެން ހުޅުވާލާނަން ރަޖިސްޓްރީ ވުމުގެ ފުރުޞަތު. އެގޮތުން ފުޓުބޯޅަ، ހޭންޑް ބޯޅަ، އަދި އެތްލެޓިކްސް ވެސް ފެށުމަށް ވަނީ ހަމަޖެހިފަ. މިކަމުގައި ހުރިހާ ފަރާތްތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ފަހީމް ވިދާޅުވިއެވެ.

އަދި މިކަމުގައި ގައްދޫ ކައުންސިލް އަދި ސުކޫލުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށާއި، އެހެންކަމުން އެ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށްވެސް ފަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަރެސް ބެއްޔާ

    މި ލާޔާ އެކަޑެމީ ގޮތަށް މި ފަރެސްމާތޮޑާ ގެ ޖަމްއިއްޔާ އިންވެސް ރަށަށް ކަމެއްކޮށްދޭނެ ނަމަދޯ؟

  2. ބެލެނިވެރިން

    ޙޭންޑް ބޯލް ނޫން އެހެން ކުޅިވަރެއް ނަމަ ، ބައިވެރިވާނަން ، މިރާއްޖެ އާ އެއްވެސް ވަރަކައް ކަމުދާ ކިޅިވަރެއް ނޫން ، އަހުމަދު ރުންކުރުބެ ހަޖަމް އިނ ގޭ