ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ޗެމްޕިއަނެއް ކަމަށާއި، ބޭނުންވަނީ ކްލަބުގެ ހުރިހާ އެންމެންވެގެން އޭނާ އަށް މި އަހަރުގެ ބެލޮންޑިއޯ އެވޯޑު ކާމިޔާބުކޮށްދިނުމަށް ކަމަށް ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

އިޓާލިއަން ކަޕްގައި ޔުވެންޓަސް އިން ރޯމާއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނުނު ކުޅުމަށް އިޝާރާތްކޮށް ސާރީ ބުނީ ރޮނާލްޑޯ މިވަގުތު ހުރީ ވިސްނުމުގެ ގޮތުންނާއި ފިޒިކަލީ ވެސް އާދަޔާ ހިލާފަށް ވަރުގަދަކޮށް ކަމަށެވެ. ރޮނާލްޑޯއަކީ އަބަދުވެސް ހަށިގަނޑަށް ބަލައިގެން އުޅޭ މީހެއް ކަމަށް ވެސް ސާރީ ބުންޏެވެ.

"އޭނާ މިހާރު އެދަނީ ވަރަށް ބާރު ސްޕީޑެއްގައި އޭނާގެ ހުނަރު ދައްކަމުން. ރޮނާލްޑޯއަކީ ޗެމްޕިއަނެއް. އަހަރެމެން އެންމެން ބޭނުން އޭނާ އަށް މިފަހަރުގެ ބެލޮންޑިއޯ ކާމިޔާބުކޮށްދޭން. އެކަން ވެއްޖެނަމަ އަހަރެމެން އެންމެންވެސް ވަރަށް އުފާވާނެ،" ސާރީ ބުންޏެވެ.

ސާރީގެ ތައުރީފް ރޮނާލްޑޯ އަށް އޮއްސާލިއިރު 34 އަހަރުގެ ފޯވަޑް އަންނަނީ 2020 ފެށުނު ފަހުން އާދަޔާ ހިލާފް މޮޅު ކުޅުމެއް ދައްކަމުންނެވެ. ރޮނާލްޑޯގެ ފަރާތުން ފެނިގެންދާ ފޯމަކީ އާންމުކޮށް ކޮންމެ އަހަރަކުވެސް ސީޒަނުގެ އެންމެ ފޯރިގަދަ ހިސާބުން އޭނާގެ ފަރާތުން ފެންނަ ކުޅުމެކެވެ. އެވްރެޖްކޮށް އެހެން ކުޅުންތެރިންނާއި އެއްވަރެއްގައި ސީޒަން ފަށާ ނަމަވެސް ރޮނާލްޑޯއަކީ އަބަދުވެސް ސީޒަނުގެ ފޯރި އެންމެ ކެކިގެންދާ ހިސާބުގައި އޭނާގެ ތަފާތުކަން ދައްކާ ކުޅުންތެރިއެކެވެ.

މި އަހަރު ފެށުނު ފަހުން ޔުވެންޓަސް ޖާޒީގައި ރޮނާލްޑޯ ކުޅުނު ހަތަރު މެޗުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ ހަތަކަށް އަރައިފައެވެ. ޑިސެމްބަރު މަހު ފެށި އިރު އިޓަލީ ލީގުގެ ލަނޑު ލިސްޓުގެ ގަދަ ފަހެއްގައި ރޮނާލްޑޯގެ ނަން ފެންނަން ނެތް ނަމަވެސް މިހާރު 16 ލަނޑާއެކު އޭނާ އަންނަނީ ލިސްޓުގެ އެއްވަނައިގައި އޮތް ލާޒިއޯގެ ފޯވަޑް ސީރޯ އިމޮބައިލްއާ އަރާ ހަމަކުރަމުންނެވެ.

އަންނަ މަހު ރޮނާލްޑޯ އަށް 35 އަހަރު ފުރޭ ނަމަވެސް އޭނާގެ ކުޅުމަކަށް އަދިވެސް ބަދަލެއް ނާދެއެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑްގައި ކާމިޔާބު ނުވަ އަހަރު ހޭދަކުރުމަށްފަހު ރޮނާލްޑޯ އިޓަލީ އަށް ބަދަލުވީ ތަފާތު ގޮންޖެހުންތަކެއް ތަޖުރިބާކޮށްލުމުގެ ބޭނުމުގައި ކަން އޭނާ ވަނީ މީޑިއާގައި އެތައް ފަހަރަކު ބުނެފައެވެ.

ޔުވެންޓަސް އާއެކު ފުރަަތަމަ ސީޒަނުގައި އިޓަލީ ލީގު ކާމިޔާބުކުރި ނަމަވެސް އޭނާ އެންމެ ބޭނުންވާ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުން ކުރިމަތިވީ ނާކާމިޔާބީއެވެ. އެހެންކަމުން މިސީޒަނުގައި ޔޫރަޕްގެ ކްލަބް ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި ތަށި ހަވަނަ ފަހަރަށް އުފުލާލުމަކީ ރޮނާލްޑޯގެ އެންމެ ބޮޑު އަމާޒުކަން ޔަގީނެވެ.