ނަސީބުވެރިންނަށް ހޮވޭ މީހުންނަށް އަންނަ ޖޫން/ ޖުލައި މަހު އޮންނަ ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް ބަލާލަން ދެވޭ ހާއްސަ ޕްރޮމޯޝަނެއް ކޮކާ ކޯލާ އިން ފަށައިފި އެވެ.

ކޮކާ ކޯލާ އާއި، މޯލްޑިވްސް ސޮކާ މޭޓްސްގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިޒާމްކޮށްގެން މިއަދު ހަވީރު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު "ލެޖެންޑްސް ކަޕް" ފުޓްބޯޅަ މެޗު ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޟޯޝަން ފައްޓަވައިދެއްވީ ކޮކާ ކޯލާގެ ޖެނެރަލް މެނޭޖާރ އޮފް އޮޕެރޭޝަންސް މިލިން ދެރްސާރީ އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ރަން ކުލައިގެ މަތިގަނޑު ޖަހާފައި ހުންނަ ކޮކާ ކޮލާގެ 300 އެމްއެލާއި 500 އެމްއެލްގެ އިތުރުން 1.25 ލީޓަރުގެ ފުޅީގެ މަތިގަނޑުގައިވާ ނަންބަރު 2626 އަށް އެސްއެމްއެސް ކޮށްގެން ކަމަށް ކޮކާ ކޯލާ އިން މައުލޫމާތުދެ އެވެ. މި ޕްރޮމޯޝަންގެ ދަށުން ދިހަ މީހަކަށް އެ މީހުން ބޭނުންވާ އިތުރު އެކަކު ގޮވައިގެން އަޔަލޭންޑުގެ ޑަބްލިންގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯގެ 44 ވަނަ މެޗު އަމިއްލަ އަށް އެއްވެސް ހަރަދެއް ކުރުމަކާއި ނުލައި ބަލާލަން ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮކާ ކޯލާ އިން ކުރިިއަށްގެންދާ "ލެޖެންޑްސް ކަޕް"ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

ޖޫން 30 ވަނަ ދުވަހު ޑަބްލިން އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ކުޅޭނީ ގްރޫޕް ޑީގެ އެއްވަނަ ހޯދާ ޓީމާއި ގްރޫޕް އެފްގެ ދެވަނަ ހޯދާ ޓީމެވެ.

ކޮކާ ކޯލާ އިން ވަނީ މީގެ ކުރިންވެސް މިފަދަ ގިނަ ޕްރޮމޯޝަންސްތަކެއް ބާއްވައިފައެވެ. އެގޮތުން އެންމެ ފަހުން މިދިޔަ އަހަރު ކޮކާ ކޯލާ ފިއެސްޓާ ޕްރޮމޯޝަނުގެ ދަށުން ދަށުން 14 މީހަކު ވަނީ އިންގްލިޝް ޕްރިމިއަ ލީގު އެޕްރިލް 28 ވަނަ ދުވަހު އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ކުޅުނު މެޗު ބަލަން އިނގިރޭސިވިލާތަށް ގޮސްފައިވެއެވެ. އެ ދަތުރުގެ ހުރިހާ ހަރަދެއް ވެސް ކޮށްފައިވަނީ ކޮކާކޯލާއިންނެވެ. މެޗު ބަލައިލުމުގެ އިތުރުން އިނގިރޭސިވިލާތުގެ މުހިއްމު ތަންތަން ބައިލުމުގެ ފުރުސަތު ވެސް ނަސީބުވެރިންނަށް އެފަހަރު ލިބިގެންދިޔައެވެ.